ށ.ނަރުދޫ ކައުންސިލްގެ ޕީޕީއެމް މެންބަރު ހުސެއިން ސިރާޖު އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.

ނަރުދޫ ކައުންސިލް މެންބަރު ހުސެއިން ސިރާޖު އެމްޑީޕީއަށް ސޮއި ކުރެއްވުމަށް މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިޔާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތެވެ.

ސިރާޖު ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ އެމްޑީޕީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރި ފަރާތްތަކަށް ސަރުކާރު ހިންގަން ލިބުމުން ކަންތައްތައް ރަނގަޅު ނުކުރެވުން ކަމަށެވެ. އަދި އެމްޑީޕީ ވެރިކަމުގެ ސިޔާސަތަށް ފާޑުކީ ނަމަވެސް ބަދަލެއް ފެނިގެން ނުދިއުމުން އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ރަނގަޅު ސިޔާސަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


"އާ ރައީސެއް އައިސްފައި އަނެއްކާ ވެސް ކަމުނުދިޔަ ކަންތައް ކުރަން ފެއްޓި ފެއްޓުން އެއީ އަޅުގަނޑު އެންމެ ބޮޑަށް އެމްޑީޕީއަށް ތާއީދުކުރެވުނު ސަބަބު،" ސިރާޖު ވިދާޅުވި އެވެ.

މިއަދު ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ރިޒާ ވަނީ ނަރުދޫގެ އަންހެނުން ކުރިއަރުވާ ކޮމެޓީންނާއި އެރަށުގެ އާންމުންގެ ތެރެއިން އެމްޑީޕީއަށް ސޮއި ކޮށްފައިވާ މީހުންގެ ފޯމް ވެސް ރައީސް ނަޝީދަށް އަރުވާފަ އެވެ.