ހުޅުމާލޭ ފެރީޓާމިނަލްގެ ފާހާނާއަށް ވަތް އަންހެން ކުއްޖަކަށް ފާރަލައިގެން ގޮސް މީހަކު، އެ ކުއްޖާޔާ ގަދަކަމުން ބެހި، ޖިންސީ ގޯނާކޮށްފި އެވެ.

ރޭ އިރާކޮޅު ހިނގި އެ ހާދިސާއާ ގުޅިގެން، މާލޭގައި ހުންނަ ފެރީޓާމިނަލް ހިންގުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވީ ޒުވާން އުމުރުގެ އަންހެން ކުއްޖަކު ފެރީޓާމިނަލްގައި ހުންނަ އަންހެން ފާހާނައަށް ވަތް ތަނުން ފިރިހެނަކު އޭނާގެ ފަހަތުން ގޮސް، "ކަންތައްތަކެއް" ހިންގާފައިވާ ކަމަށެވެ. އަދި އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަން އެނގިގެން، ފުލުހުން ފެރީ ޓާމިނަލަށް ދިޔައިރު އެމީހާ ފިލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ފެރީޓާމިނަލްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ އެ ހާދިސާއާ މެދު އެމީހުންނަށް އެނގޭ މައުލޫމާތުތައް ސަންއަށް ކިޔައިދީފައެވެ. އެ މީހުން ބުނި ގޮތުގައި އަންހެން ކުއްޖާ ފާހާނާއަށް ވަނުމުން މީހަކު އޭނާއަށް ޖިންސީ އަނިޔާކޮށް، ފިލިއިރު ވެސް އެ ވާހަކަ އެތަނުގެ އެއްވެސް މުވައްޒަފެއްގެ ކައިރީގައި އެ ކުއްޖާ ނުބުނެ އެވެ. އަދި ގިސްލައި ރޮމުން ފާހާނައިން ނުކުމެގެން އެންމެ ފުރަތަމަ ވެސް އެ ކުއްޖާ ގުޅީ އޭނާގެ އާއިލާގެ މީހަކަށެވެ. އެކަން ފުލުހުންނަށް އެނގުމާއެކު ފުލުހުންގެ ޓީމެއް ފެރީޓާމިނަލަށް ގޮސް އަންހެން ކުއްޖާގެ ކައިރިން އެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ފުލުސް އޮފީހަށް އޭނާ ގެންދިޔަ އެވެ. އެ ކުއްޖާއާ ސުވާލު ކުރުމަށްފަހު މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ފުލުހުން އެ އަންހެން ކުއްޖާ ދޫކޮށްލުމުން އެނބުރި ހުޅުމާލަށް ދިއުމަށްޓަކައި ފެރީޓާމިނަލަށް އޭނާ ދިޔައީ އާއިލާގެ ބައެއްގެ އެހީތެރިކަމާ އެކުގަ އެވެ. އޭރު ވެސް އެ ކުއްޖާ ހުރީ ދާހިއްލާ ފޯވެ، ހާސްކަންމަތީގަ އެވެ. ރޮައިރޮައި ދެ ލޯ ހުރީ ރަތްވެފަ އެވެ. އެ ހާދިސާއާ ގުޅޭ ގޮތުން އާއިލާއާ ސަންއިން ސުވާލު ކުރުމުން އެ ވާހަކަތައް ހިއްސާ ކުރުމަށް އާއިލާއިން ދެކޮޅު ހެދި އެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. މާލޭގައި ހުންނަ ހުޅުމާލޭ ފެރީޓާމިނަލްގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖު ހޯދުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވީ ހުޅުމާލެއަށް ދާ ފެރީޓާމިނަލް ފާހާނާ ތެރޭގައި އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.