ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން މީޑިޔާއަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރި ވާ މުވައްޒަފުންނަށް އަމާޒު ކޮށްގެން ހިންގި މީޑިޔާއަށް މައުލޫމާތު ދިނުމުގެ ހުނަރާއި ނޫސްވެރިކަމުގެ ހުނަރު ދަސް ކޮށް ދޭ ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން މިއަދު ބާއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިޔާ އެންޑް ޕަބްލިކޭޝަން ޔުނިޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކޯސް ހިންގައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 29 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފައި ވަނީ މިއަދު 10:00 ގައި ޑިޕާޓްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އިބްރާހިމް އަހުމަދު މަނިކެވެ.

އެ ކޯހުގެ މަގުސަދަކީ ކޯޓުތަކުގެ މީޑިއާ އޮފިސަރުންނަށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމާއި އަދި މީޑިއާއަށް މަޢުލޫމާތު ދިނުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް ވެސް ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުންޏެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓުން ބުނީ އެ ކޯހުގައި މާލޭގެ ކޯޓުތަކުގެ މީޑިއާ އޮފިސަރުންނާއި މީޑިޔާއަށް މައުލޫމާތު ދެއްވުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އިތުރުން ޑިޕާޓްމަންޓުގެ މީޑިޔާ ޔުނިޓުގެ ބޭފުޅުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.