ސަރުކާރުން ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކޮށްދިނުމަށް އުފައްދާފައިވާ އާސަންދަ ކުންފުނިން ބޭރުގެ ހޮސްޕިޓަލް ތަކަށް 6 މިލިޔަން ރުފިޔާ ނުދެއްކި ހުންނާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެންސްޕާގެ ޗެއާމަން އަދި ހެލްތް މިނިސްޓްރީ ސްޓޭޓް މިނިސްޓަރު ތޯރިގް އަލީ ލުތުފީ ވިދާޅުވީ 2012 ވަނަ އަހަރު ނިމިގެން ދިޔައިރު ބޭރުގެ ހޮސްޕިޓަލްތަކަށް ނުދެއްކި ހުރި ފައިސާގެ އަދަދު 6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އެހެން ނަމަވެސް ފައިސާ ނުދެއްކި ހުރީ ކޮންކޮން ހޮސްޕިޓަލްތަކެއް ކަން ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފޮރިން އޮޕަރޭޝަންސްތަކަށް ދައްކަން ޖެހޭ ގާތް ގަޑަކަށް 6 މިލިޔަނެއް ހައި ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެއީ މިހާރު އަޅުގަނޑުމެންނަށް ބޭރުގެ ފަރާތްތަކުން ފޮނުވާފައި ހުރި ބިލްތަކުގެ ތެރެއިން ނުދެއްކި ހުރި މިންވަރު. ދެން ސީދާ ކޮންކޮން ހޮސްޕިޓަލްތަކެއް ކަން މި ވަގުތު ދަންނަވަން ދަތި." ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދަ ކުންފުނިން ބޭރުގެ ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމުގައި ތަފާތު އެކި މަރުހަލާތަކެއް ގެންގުޅޭ ކަމަށެވެ. އެގޮތުން ބޭރުގެ ހޮސްޕިޓަލްތަކުން ފައިސާ ހޯދުމަށް ޓަކައި ފޮނުވާ ބިލް ފުރަތަމަ ދާނީ އާސަންދައިގެ މެޑިކަލް ޑިޕާޓްމަންޓްއަށް ކަމަށާއި އެ ޑިޕާޓްމެންޓް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ފައިސާ ދެއްކުމުގެ ކަންތައްތައް މުޅިން ނިމިގެން ދާނީ އެ ބިލްތައް އެކައުންޓްސްއަށް ފޮނުވުމަށް ފަހުގައި ކަމަށް ތޯރިގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޭރުގެ ހޮސްޕިޓަލްތަކުން އެ ތަނަށް ފައިސާ ނުދައްކާ ހުރި ކަމަށް ބުނާ އަދަދަކީ ސައްހަ އަދަދު ނޫން ކަމަށާއި ޖުމްލަ އަދަދު އެނގޭނީ މެޑިކަލް ޑިޕާޓްމަންޓް އިން ބަލަން ޖެހޭ ކަންތައް ބެލުމަށް ފަހު އެކައުންޓްއަށް އެ ބިލް ފޮނުވުމުން ކަމަށެވެ.

ތޯރިގް ވިދާޅުވީ 2012 ވަނަ އަހަރު ނިމިގެން ދިޔައިރު އާސަންދައިން 776 މިލިން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ރާއްޖޭއިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދީފައިވާ ތަންތަނަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދެއްކި ހުންނާނީ ގާތް ގަޑަކަށް 100 މިލިޔަނެއްހާ ރުފިޔާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާސަންދައިން 2012 ވަނަ އަހަރު ގާތްގަނޑަކަށް 776 މިލިޔަން ރުފިޔާ ހަރަދު ކުރެވިފައިވާއިރު ރާއްޖޭއިން އާސަންދައިގެ ހިދުމަތްދޭ ތަންތަނަށް ނުދެއްކި ހުންނާނީ ގާތްގަޑަކަށް 100 މިލިޔަނެއްހާ ރުފިޔާ. އެ އަދަދަށް ވެސް މިހާރު ދައްކަން ޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުުކުރެވޭ. ސަބަބަކީ މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު އަޅުގަނޑުމެން ވަރަށް ގިނަ އަދަދެއްގެ ބިލްތަކެއް ވާނީ ދައްކާފަ." ތޯރިގް ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ފައިސާ ނުލިބިގެން ޝަކުވާ އަންނަ ކަމަށާއި އެހެން ނަމަވެސް ފައިސާ ހޯދުމަށްޓަކައި ބިލް ފޮނުވާ ދުވަހު އެއް ވެސް ފަރާތަކަށް ފައިސާ ނުދެވޭނެ ކަމށް ތޯރިގް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާސަންދައަށް ފައިސާ ހޯދުމަށްޓަކައި ފޮނުވާ ބިލްތަކަށް ފައިސާ ދެވޭނީ އެންމެ އަވަސް ވެގެން ވެސް އެއް މަސް ތެރޭ ކަމަށާއި ފައިސާ ދިނުމުގައި ވަކި ބަޔަކު އިސް ނުކުރާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މިއަހަރު ދައުލަތުގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި ވަނީ 650 މިލިޔަން ރުފިޔާ ކަމަށާއި އެއީ މިދިޔަ އަހަރާއި އަޅާބަލާއި އިރު އެއް މިލިޔަން ރުފިޔާ ކުޑަ އަދަދެއް ކަމަށެވެ. އެހެން ނަމަވެސް ތޯރިގް ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރު ބަޖެޓް ކުޑަ ކަމުގައި ވީނަމަވެސް މި އަހަރަށް ކަނޑައަޅާފައި މިންވަރަށް ހަރަދު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށާއި ހަރަދު ކުޑަ ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންތަތައް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯރިގް އިތުރަށް ވިދާޅުވީ އާސަންދައިން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކާ އެކު ވާހަކަ ދައްކަމުންދާ ކަމަށާއި ކައިރި މުސްތަގުބަލެއްގެ ތެރޭގައި އެ ކަންތައްތައް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް ދޭ ފަރާތްތަކުންނާއި އަދި ހިދުމަތް ހޯދާ ފަރާތްތަކުން ވަރަށް ބޮޑަށް އިސްރާފް ކުރެވޭ އުސޫލަކުން ހިދުމަތް ދީ ހިދުމަތް ބޭނުން ކުރަމުންދާ ކަމަށާއި އެހެން ކަމުން އެކަންތައް ވެސް ބެލޭނެ ނިޒާމެއް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ގާއިމު ކުރެވިގެން ދާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.