ހުޅުމާލޭގައި ހަތަރު އަނގޮޅި ބެދޭ ކަންމަތީގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނު ޒުވާނާ މަރުވީ ހިތް ހުއްޓިގެން ކަމަށް އާއިލާއިން ބުނެފި އެވެ.

ރޭ ފަތިހު 4:40 އެހައިކަށް ހައި އިރު ހުޅުމާލޭ ބޮޑުމަގު، ހިތިގަސްމަގާއި ހުނވަދުމާހިނގުން ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ދުވާރު މަތީގައި މަރުވެފައި އޮއްވައި ފެނުނު މ. މާކަރީ، މުހައްމަދު ޝަހުދު ނާޒިމު، 19، ގެ ބޮޑުބޭބެ އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސާލިހް ވިދާޅުވީ ޝަހުދަކީ ވަރަށް ޅައިރު ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖެއް ކަމަށެވެ.

"ތިބޭފުޅުން މިހާރު މިތަނަށް އަޔަސް ފެންނާނެ ބުރަކަށިންނާއި މޭމަތިން ހުންނާނެ ވަރަށް ބޮޑަށް ފަޅާލާފައި ވެސް އޮޕަރޭޝަން ކުރަން،" އަލީ ސާލިހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާ ހަރަކާތްތެރިވެގެން ނޫޅެވޭ ކޮއްކޮ އައީ އަބަދުވެސް ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކަމުން ކަމަށެވެ.

ޝަހުދު މަރުވި ސަބަބު ބަޔާންކޮށް ޑޮކްޓަރު ދީފައިވާ މަރު ސާބިތުކުރި ލިޔުމުގައި ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހިތާއި ފުއްޕާމޭގެ ހިނގުން ހުއްޓިގެން ކަމަށެވެ. ނަމަވެސް ހިތާއި ފުއްޕާމޭގެ ހިނގުން ހުއްޓެން ދިމާވި ސަބަބެއް އެ ލިޔުމުގައި ބުނެފައެއް ނުވެ އެވެ.

ޝަހުދުގެ މަރާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ އޭނާ މަރުވީ އޯވާޑޯޒްވެގެން ކަމަށާއި އަދި އޭނާ މަރުވެފައި އޮތް ސަރަހައްދުގައި މަސްތުގެ ހާލުގައި ތިބި އިތުރު ދެ މީހަކު ވެސް ތިބި ކަމަށެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ކަމަށް މާފަށް އެދިފަ އެވެ.

އަލީ ސާލިހު ވިދާޅުވީ އަމިއްލަ ތަނެއްގައި ވަޒީފާ އަދާ ކުރާ ކޮއްކޮ ހުޅުމާލެއަށް ރައްޓެހިންނާ އެކު ބާބެކިއު ހަދަން އިއްޔެ ދިޔައީ އާއިލާއަށް އެނގިގެން ކަމަށެވެ.

ޝަހުދުގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އެވެ.