މިދިޔަ އަހަރުގެ ފެބްރުއަރީ 6، 7، 8 ގައި ގާނޫނާ ހިލާފުވި ފުލުހުންނާއި ސިފައިންގެ ލިސްޓެއް ހޯދުމަށް ހޯމް މިނިސްޓްރީއަށާއި ޑިފެންސް މިނިސްޓްރީއަށް އެންގުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.

ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ދައުލަތާ ދެކޮޅަށް ކަންތައްތަކެއް ހިންގާފައިވާ ކަމަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގައި ބުނެފައި ވާތީ ގާނޫނާ ހިލާފުވެފައިވާ ސިފައިންނާ ފުލުހުންގެ ލިސްޓެއް ހޯދުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

ކޮމެޓީގެ ބައްދަލުވުމަށްފަހު މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ގާނޫނާ ހިލާފުވި ކަމަށް ފާހަގަ ކުރެވޭ ސިފައިންނާއި ފުލުހުންނާއި ވެރިކަން ބަދަލުވި ފަހުން ޕްރޮމޯޝަން ލިބުނު ސިފައިންނާއި ފުލުހުންގެ ނަންތަކުގެ ލިސްޓަކަށް ހޯމް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގައި އެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ނަންތަކުގެ ލިސްޓު އަންނަ އަންނަ އާދީއްތަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށް އެ ދެ މިނިސްޓްރީގައި އެދުމަށް ވެސް ކޮމެޓީން ނިންމި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ކޯނީގެ ދިރާސާއަށް ކޮމެޓީން ކުރަމުންދާ މަސައްކަތުގައި އެ މައުލޫމާތުތަކަކީ ކޮންމެހެން ކޮމެޓީއަށް ބޭނުންވާނެ މައުލޫމާތުތަކެއް ކަމަށެވެ. އަދި ކޯނީގެ ރިކޮމަންޑޭޝަންތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވިދާޅުވި ގޮތައް ކަންތައްތައް ހިނގާތޯ ވެސް ކޮމެޓީން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ މިކަންކަން އެނގިގެން މެނުވީ އަޅުގަނޑުމެންނަށް މިހާރު މިއޮތް ހާލަތުން އިތުރު ރިޕޯޓެއް އެކުލަވާލައި ނުލެވޭނެ ކަމަށް. ކޯނީ ރިޕޯޓަށްފަހު ސަރުކާރުން އަމަލު ކުރަމުންދާ ގޮތެއް ސާފުވާނީ ވެސް އޭރުން ކަމަށް މެންބަރުން ގަބޫލުފުޅު ކުރައްވަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ކޯނީގެ ދިރާސާއަށް ބޭރުގެ ބޭރުގެ ގާނޫނީ މާހިރެއްގެ ގޮތުގައި ހޮއްވެވި ޕްރޮފެސަރު އެންޑާޒް ހެންރިކްސަންގެ ގާނޫނީ ވަކީލުންގެ ޓީމު ކޮމެޓީގެ މަސައްކަތުގައި ބައިވެރި ނުކުރުމަށް ކޮމެޓީން މިއަދު ވަނީ ނިންމާފަ އެވެ. ސަބަބަކީ އެ އެންޑާޒް ހެންރިކްސަންއަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ވިދަޅުވެ ރިޕޯޓެއް ނެރުއްވާފައިވާ މީހަކަށް ވާތީ ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްކަމެއްގައި ކުރިން ގޮތެއް ނިންމާފައިވާ މީހަކު ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ބައިވެރި ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކޯނީގެ ރިޕޯޓްގައި ބުނާ ކަންތައްތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަޅާފައިވާ ފިޔަވަޅުތައް ވެސް ބެލުމަށް ކޮމެޓީން ނިންމި އެވެ. އެގޮތުން މާދަމާ 2:30 ގައި ޕީޖީ އަހުމަދު މުއިޒް ކޮމެޓިއަށް ހާޒިރު ކުރުމަށާއި 30:30 ޕޮލިސް ޕީއައިސީ ހާޒިރު ކުރުމަށާއި މާދަމާ ހަވީރު 4:00 އަށް އެޗްއާރްސީއެމް ވެސް ކޮމެޓީއަށް ހާޒިރު ކުރުމަށް ކޮމެޓީން ނިންމާފައިވެ އެވެ.