ފިހާރައަކުން ވަކި ލާރި ދެ ފުޅި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ށ. ފޭދޫން 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ 7:13 ހައި އިރު ފޭދޫ "ޒަފާ" ކިޔާ ފިހާރައިގެ އެގްޒޯސްޓް ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 17 އަހަރުގެ ކުއްޖެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ޒަފާ ފިހާރައިން ވަގަށް ސިނގިރޭޓް ދެ ކާޓޫނާއި ވަކިލާރި ދެ ފުޅި ގެންގޮސްފައިވާ ކަމަށެވެ. ވަގަށް ގެންދިޔަ ވަކި ލާރި ދެ ފުޅީގައި ތިން ހާހަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ވަގަށް ގެންދިޔަ ތަކެތި ފުލުހުން ހޯދާފައި ވަނީ އިއްޔެ ހެނދުނު 9:30 ހައި އިރު އެވެ. ވަގަށް ނެގި ދެ ސިނގިރޭޓް ކާޓޫން ފުލުހުން ހޯދާފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖާގެ އާއިލާ މީހެއްގެ ގޭގައި ފޮރުވާފައި އޮއްވަ އެވެ. އަދި ވަކި ލާރި އަޅާފައި ހުރި ދެ ފުޅި ފުލުހުން ހޯދާފައި ވަނީ ފޭދޫ ފަޅު ގެއެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށެވެ.