ފެޑަރޭޝަން އޮނިނާވާ ކަރާޓޭ ސޮރީން ރޫޔޫ ސޮރިން ކާން (ފޮކްސް) އިން އިންތިޒާމް ކޮށްގެން ސްރީލަންކާގައި ބޭއްވި ހަތަރު ވަނަ އިންޓަނޭޝަނަލް ކަރާޓޭ ކޮބޫދޫ ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރިހި މެޑަލަކާއި ލޯ މެޑަލްއެއް ލިބިއްޖެ އެވެ.

މި މަހުގެ 2 އިން 3 ވަނަ ދުވަހުގެ ނިޔަލަށް ލަންކާގައި ބޭއްވި އެ މުބާރާތުން ރާއްޖެއަށް އެ ދެ މެޑަލް ވެސް ހޯދައިދިނީ އަހުމަދު ރިޒްވީ (ސެމްޕާއި) އެވެ.

ލަންކާ އާއި އިންޑިޔާގެ އިތުރުން ރާއްޖެ އިން ބައިވެރިވި އެ މުބާރާތުގައި ސަތޭކައެއް ހައި ކަރާޓޭ ތެޅުންތެރިން ބައިވެރިވިއެވެ.

މުބާރާތުން ރިޒްވީ ރިހި މެޑަލް ހޯދީ "ކާޓާއިން" އިނެވެ. އަދި ލޯމެޑަލް އޭނަ ހޯދީ "ކޮމިޓޭ" ގައި ވާދަކޮށްގެންނެވެ.

ކަރާޓީ ތެޅުމުގެ ތަފާތު ދެ ވައްތަރަކުން ރިޒްވީ ރާއްޖެއަށް ރިހި މެޑްއަކާއި ލޯ މެޑައެއް ހޯދައިދިނުމަށްފަހު، މިއަދު "ސަންއޮންލައިނަށް" ދިން އިންޓަވިއުގައި ބުނީ، މިފަހަރުގެ މުބާރާތުން ރާއްޖެއަށް ހޯދައި ދެވުނު ވަނަތަކާ މެދު ހިތް ހަމަޖެހޭ ކަމަށާއި އެހެން ނަމަވެސް ދެން ބޭނުން ވަނީ އެފަދަ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލްއެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި ކަރާޓީ ތެޅުމުން ކުރިއަށް ދިޔުމުގައި ރިޒްވީގެ އާއިލާގެ ފަރާތުން ދެމުން ގެންދާ އެއްބާރު ލުމަށާއި ގާތް ރަހުމަތްތެރިން ދޭ އެއްބާރުލުމަށް އޭނާ ވަނީ އެލިބުނު ކާމިޔާބީއަށް ފަހު ޝުކުރު އަދާކޮށްފަ އެވެ.

ރިޒްވީ ބުނީ، ކަރާޓީ ތެޅުން (އެ ކުޅިވަރު) ރާއްޖޭގައި ތަރައްގީ ކުރެވިދާނެ ކަމަށާއި އެގޮތުން އެ ކުޅިވަރު ރާއްޖޭގައި ތަރައްގީ ކުރެވިއްޖެ ނަމަ އެފަދަ މުބާރާތްތަކުން ރާއްޖޭގެ ކަރާޓީ ތެޅުންތެރިންނަށް ރަނގަޅު ވަނައަކާ ހަމައަށް ވާސިލް ވެވިދާނެ ކަމަށެވެ. އަދި އެކުޅިވަރަކީ ހުރިހާ އުމުރު ފުރައަކަށް ވެސް "ސެލްފް ޑިފެންސް" ގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ ރަނގަޅު ކުޅިވަރެއް ކަމަށް ވެސް ރިޒްވީ ބުންޏެވެ.

ރިޒްވީ ވަނީ 2010 ވަނަ އަހަރު ނޭޕާލްގައި ބޭއްވި ދެވަނަ ސައުތު އޭޝިއަން އިންޓަނޭޝަނަލް ކަރާޓޭ ކޮބޫދޫ ޗެމްޕިއަންޝިޕްގައި ބައިވެރިވެ ވެސް ރަނގަޅު ވަނަތަކެއް ރާއްޖެއަށް ހޯދާދީފައެވެ. އެގޮތުން އެ ފަހަރުގެ މުބާރާތުގެ "ކާޓާއިން"ގައި ރިޒްވީ ރާއްޖެއަށް ރަން މެޑަލް ހޯދައިދިން އިރު، "ކޮމިޓޭ"ގައި އޭނައަށް އެފަހަރު ލިބުނީ ލޯ މެޑަލްއެކެވެ. އެމުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވީ އިންޑިޔާ، ނޭޕާލް އަދި ސްރީލަންކާއެވެ.

ރިޒްވީއަކީ ފެޑަރޭޝަން އޮނިނާވާ ކަރާޓޭ ސޮރީން ރޫޔޫ ސޮރިން ކާން (ޕޮކްސް) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރުގެ އިތުރުން ޗީފް އިނިސްޓެކްޓަރެކެވެ. އަދި ރިޒްވީ އަކީ 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓުގެ ގޮތުގައި އެ އިންތިހާބުގައި ބައިވެރިވެ ވަޑައިގަތް ފަރާތެއް ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.