05 Feb 2013, 14:23
ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ)ގެ ކޮންރެސް އަންނަ މާޗް މަހުގެ ފަހު ކޮޅު ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ޑީއާރުޕީގެ ތަރުޖަމާނު ޒީނާ ޒާހިރު މިއަދު ވިދާޅުވީ އެ ޕާޓީގެ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވަނީ މާޗް މަހުގެ ފަހު ހަފްތާގައި ކޮންގްރެސް ބާއްވާ ގޮތަށް ކަމަށެވެ.
ޒީނާ ވިދާޅުވީ ޑީއާރުޕީގެ ކޮންގްރެސްގައި އެ ޕާޓީގައި މިހާރު ހުސްވެފައިވާ ތިން ޑެޕިއުޓީ ލީޑަރުންގެ މަގާމަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ. އަދި ޒުވާނުން ގޮފީގެ ރައީސް ކަމުގެ މަގާމަށާއި އަންހެނުން ގޮފީގެ މަގާމުތަކަށް ވެސް މެންބަރުން އިންތިހާބު ކުރުން އެ ކޮންގްރެސްގެ ތެރޭގައި އޮންނާނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.
މީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް ވޯޓަށް އަހައި އަސާސީ ގަވާއިދު އިސްލާހް ކުރާނެ އެވެ.
ޑީއާރުޕީގެ ކޮންގެރެސް ބާއްވާނެ ތާރީހެއް ކަނޑައަޅާފައި މި ވަނީ އެ ޕާޓީގެ ކޮންގްރެސް މިދިޔަ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމަށްފަހު ވަކި ދުވަހެއް ނެތި ފަސްކޮށްފައި އޮތުމަށް ފަހުގަ އެވެ.