05 Feb 2013, 14:16
މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ވެސް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބްގެ ބްރޭންޑް ސްޕޮންސާ ނަމަކަށް މީޑިއާނެޓު ހަމަޖައްސައިފި އެވެ.
މީޑިއާނެޓާއި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާ ދެމެދު ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު މީޑިއާނެޓްގެ އޮފީހުގައެވެ. އެއްބަސްވުމުގައި ނިއުރޭޑިއެންޓުގެ ފަރާތުން ސޮއި ކުރެއްވީ އެޓީމުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) އެވެ. މީޑިޔާނެޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ތަނުގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިގު އެވެ.
ސޮއިކުރުމަށްފަހު މިޑިޔާއަށް މައުލޫމާތު ދެއްވަމުން ނިއުރޭޑިއެންޓުގެ ޗެއާމަން ބަލަކް ވިދާޅުވީ، ނިއުރޭޑިއެންޓުން ހޯދާ ކާމިޔާބީތަކުގައި މީޑިޔާނެޓްގެ ވަރަށް ބޮޑު ހިއްސާއެއް ވާކަމަށާއި އަދި ޓީމުގެ ސްކޮޑް ވަރުގަދަކުރުމަށް މީޑިޔާނެޓުން ވަރަށް ބޮޑެތި އެހީތެރިކަން ދެއްވަމުން ގެންދަވާ ކަމަށެވެ.
"ނިއުރޭޑިއެންޓް މިދިޔަ އަހަރު ހޯދި ކާމިޔާބީ އާއި މި އަހަރަށް ނިއުގެ ސްކްޑް ވަރުގަދަ ކުރުމުގައި އަޅުގަނޑުމެންގެ ސްޕޮންސަރުންގެ ތެރެއިން މީޑިޔާނެޓަކީ ވެސް ވަރަށް ހާއްސަ ފަރާތެއް. އަޅުގަނޑު ފާހަގަ ކޮށްލަން މި އަހަރު އަޅުގަނޑުމެން ސްކޮޑް ހެދުމަށް ފަހު އެންމެ ފަހުން ތިބޭފުޅުންނަށް ފެނިގެން ދިޔަ ކުޑައްޓޭގެ ސައިނިންއާއި އަދި އެނޫންވެސް ކަންކަމުގައި އަޅުގަނޑުމެންނަށް ކުރިން ވެދެއްވަން އެއްބަސްވެފައިވާ އެހީތެރިކަމަށްވުރެ އިތުރު އެހީތެރިކަމެއް ވެދެއްވައި ސްކޮޑް އިތުރަށް ވަރުގަދަ ކޮށްދެއްވާފައި މިވަނީ،" ބަލަކް ވިދާޅުވި އެވެ.
ބަލަކް އިތުރަށް ވިދާޅުވީ މީޑިޔާނެޓްގެ އިތުރުން އެ ޓީމަށް އެހީތެރިވެދެއްވާ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ މައިލޯ އާއި ލިލީއާއި އެމްއެޗްއޭ އަކީ އެފަރާތްތަކުގެ އިޖްތިމާއީ ޒިންމާ ފުރިހަމައަށް ނަންގަވާ ފަރާތްތަކެއް ކަމަށާއި ކުރިއަށް އޮތް އަހަރު ނިއުއިން ސްޕޮންސަރުންގެ ގާތަށް ދާނީ މިދިޔަ އަހަރު ހޯދި ކާމިޔާބަށްވުރެ ރަނގަޅު ކާމިޔާބުތަކަކާ އެކު ކަމަށެވެ.
މީޑިޔާނެޓްގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިގު ވިދާޅުވީ ނިއުރޭޑިއެންޓާއި މީޑިޔާނެޓާ އޮތް ގުޅުމަކީ ކުރިންވެސް އޮތް ގުޅުމެއް ކަމަށާއި މިފަހަރު އެ ގުޅުން އިތުރަށް ބަދަހި ކުރީ އެ ޓީމުން ހޯދި ކާމިޔާބީ އާއި ކުރިއެރުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑު ފާހަގަ ކުރަން މިދިޔަ އަހަރު ކުލަބުގެ ޗެއާމަންގެ ލީޑާޝިޕުގެ ދަށުން ކުލަބު ހޯދި ކުރިއެރުން. ހަގީގަތުގައި ނިއުއިން އެހޯދި ކުރިއެރުމުގެ ނަތީޖާ ކަން ނޭނގެ އަޅުގަނޑުމެން އިތުރު ސީޒަނަކަށް އެކުލަބާއެކު އެއްބަސްވުމަކަށް މިދެވުނީ،" ޝާހިގު ވިދާޅުވި އެވެ.
ޝާހިގު އިތުރަށް ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް އެކިގޮތްގޮތުން އެހީތެރިވެދިނުމަކީ އެކުންފުނިން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށާއި ނިއުރޭޑިއެންޓުގެ އިސްނެގުމުގެ މަތިން ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން މީޑިއާނެޓްގެ އެއްބަސްވުމުގެ މަގުސަދަކީ ނިއުއިން އެކުރާ މަސައްކަތަށް އިތުރު އެހީތެރިކަމަކާއި އެއްބާރު ލުމެއް ދިނުން ކަމަށް ޝާހިގު ވިދާޅުވި އެވެ.