ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންޑިޔާ ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ އިންޑިއާ އަށްދާ ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދަން އޮތް ގޮތެއް ދެނެގަތުމަށް ޓަކައި ކަމަށާއި ރާއްޖޭއާއި އިންޑިޔާއާ ދެމެދު ގުޅުން ރަނގަޅުކުރެވޭތޯ އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ބާލަނަން ދިވެހި ރާއްޖެއާއި އިންޑިޔާއާ ގުޅުން ރަނގަޅު ކުރެވޭތޯ. މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިނަށް ފަސޭހަގޮތް ހޯދެން އޮތް އުސޫލުތަކަކީ ކޮބައިތޯ ވިސްނުން، ދެނެގަތުން، އެނގުން،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރު މަށާއި އެކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑަށް ބާރު އަޅާނީ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް. ބައިނަލް އަގުވާމީ ފަރާތްތަކުގައި އަޅުގަނޑު އެދޭނަން. މިހާރު މި އޮތް ގޮތަށް ސަރުކާރު ބާއްވައިގެން ހުރިހާ ޕާޓީތަކާއި ހުރިހާ ކެންޑިޑޭޓުން ބައިވެރިވެވޭ އިންސާފްވެރި އިންތިހާބެއް ބޭއްވި ދާނެ ކަމާއިމެދު ޝައްކު އުފެދޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިންޑިޔާ އަށް މި ދަތުރުކުރައް ވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އައްޔަންކުރުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާގެ ޝަރީއަތް ހިނގަމުންދާ ދުވަސްވަރެއްގަ އެވެ.