ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މި އަހަރު އޮންނަ އިންތިހާބުގެ ކުރިން ނުނިމޭނެ ކަމަށާއި އެ ޝަރީއަތާ 2018 ވަނަ އަހަރު ކުރިމަތި ލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނަޝީދު ވިދާޅުވީ މި އަހަރު ބާއްވާ އިންތިހާބުން ހޮވޭނީ ނަޝީދު ކަމަށާއި ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ކަމަށާއި އެކަން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރައްޔިތުން މަޖިލީހުން އެކަން [ރައީސުލްޖުމްހޫރިއްޔާ އަކަށް ހުރި މީހެއްގެ މައްޗަށް ޝަރީއަތް ކުރެވޭ ގޮތަށް ފާސް] ކުރެވިގެންދާނެ ކަމަކަށް އަޅުގަނޑަކަށް ނުދެކެވޭ. އެހެން ވީމާ 2018ގައި އެ ޝަރީއަތަށް ކުރިމަތިލާން އަޅުގަނޑު ތައްޔާރަށް މިހުރީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ 30 އަޑުއެހުން ބާއްވަން ޖެހޭނެ ކަމަށާއި އިންތިހާބާ ދޭތެރޭ މި އަތް ހަތް މަސް ދުވަހުގެ ތެރޭގައި އެކަން ނުވާނެ ކަމަށެވެ.

ރާއްޖޭގައި ދެ ވަނަ ފަހަރަށް އޮންނަ މަލްޓި ޕާޓީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހެވެ. ފުރަތަމަ ބުރުން އިންތިހާބު އެއްވެސް ބޭފުޅަކަށް ކާމިޔާބު ނުކުރެވިއްޖެ ނަމަ ދެ ވަނަ ބުރުގެ އިންތިހާބު އެ މަހު 28ގަ އެވެ.

ކުރީގެ ރައީސް ވިދާޅުވީ އިންތިހާބުގެ ކުރީން ޝަރީއަތް ނުނިމޭނީ ކޮންމެ ދެ އަޑުއެހުމެއްގެ ދޭތެރޭގައި ލޯޔަރުންނަށް 15 ދުވަސް ލިބެން ޖެހޭނެތީ ކަމަށެވެ.

"އެ ޝަރީއަތުގައި އަޅުގަނޑު ދެކޭ ގޮތުގައި މަދުވެގެން 30 އަށް ވުރެ ގިނަ އަޑު އެހުން ލިބެން ޖެހޭނެ. ކޮންމެ ދެ އަޑު އެހުމެއްގެ މެދުގައި 15 ދުވަހުގެ މުތައްދެއް ލޯޔަރުނަށް އޮން ޖެހޭނެ. އެހެން ނޫން ނަމަ އެކުރަން މި އުޅޭ ކަމެއް އިންސާފުވެރިކަމާ އެކު ނުކުރެވޭނެ. ދިނަސް ނުދިނަސް ކަނޑައި ކަނޑައި ބަންގަޅީސް، އެ އުސޫލުން އެކަމެއް އަޅުގަނޑަށް ހީވަނީ ޝަރީއަތެއް ނުގެންދެވޭނެ [ހެން]." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ޝަރީއަތުގެ މައްޗަށް ބަސްނުކިޔާ އެކަކުވެސް ނެތް ކަމަށާއި އެހެން ކަމުން އިންސާފްވެރި ޝަރީއަތެއް ހިންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.