05 Feb 2013, 13:33
ރާއްޖެ އިން ބޭރު ދަތުރު ކުރާ ބޮޑެތި ބޯޓުފަހަރު ކައިރިކޮށް ތެޔޮ އެޅޭނެ އިންތިޒާމާއި ތެޔޮ ރައްކާތެރި ކުރާ ތަނެއް ހއ. އަތޮޅުގައި ހަދަން ނިންމާފައި ވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އެސްޓީއޯ އާއި ބޭރު ކުންފުންޏަކާ ގުޅިގެން އެޕުރޮޖެކްޓް ހިންގުމަށް ނިންމާފައިވަނީ ހއ. ގެ ރަށެއްގައި ކަމަށެވެ. އަދި އެމަޝްރޫއު ހިންގަނީ ކޮން ކުންފުންޏަކާ ގުޅިގެން ކޮން ރަށެއްގައި ކަމެއް ވެސް ޝާހިދު ވިދާޅެއް ނުވެއެވެ. އަދި ހއ. ރަށެއްގައި ގާއިމު ކުރަނީ ކިހާ ޓަނެއްގެ ތެޔޮ ރައްކާތެރި ކުރެވޭ ތަނެއް ތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ ސްޓަޑީ ޕުރޮސެސް ކުރިއަށްދާތީ އަދި ކިހާވަރެއްކަން ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް ޝާހިދުއާ ހަވާލާދީ ބައެއް އެހެން މީޑިއާތަކުގައި ބުނެފައިވަނީ އެތަނުގައި 20000 ޓަނުގެ ތެޔޮ ރައްކާކުރެވޭނެ ސްޓޯރޭޖެއް ހަދަން ނިންމާފައިވާ ކަމަށެވެ.
"އެއީ ކިހާވަރެއްގެ ތަނެއްކަމެއް އަދި ނުނިންމަން، އަދި މިއުޅެނީ ސްޓަޑީޒް ޕުރޮސެސްސެއްގަ، ދެން ޑިމާންޑަށް ބަލާފަ އަޅުގަނޑުމެން ސައިޒް ކަނޑައަޅާނީ، އަޅުގަނޑުމެން މިބަލަނީ ފުނަދޫއަށް ވުރެ ބޮޑުވާނެކަމަށް ފުރަތަމަ ފިޔަވަހީގައި ވެސް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ސްޓަޑީ ޕުރޮސެސްގައި އުޅޭތީ އެ މަސައްކަތް ފެށޭނެ ތާރީހެއް ވެސް އަދި ވިދާޅުވާން ނޭނގޭ ކަމަށެވެ.
އެސްޓީއޯއިން އުތުރުގެ ހިސާބެއްގައި ތެލުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށީ ރައްޔިތުންނާއ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވެފައިވަނީ އެސްޓީއޯ އާއި ބޭރުގެ ކުންފުންޏަކާ ގުޅިގެން، ބޮޑެތި ބޯޓު ފަހަރަށް ތެޔޮ އެޅުމާއި އެ ބޯޓުފަހަރަށް ހިދުމަތް ދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި އެ ސަރަޙައްދުގައި އެ މަޝްރޫ ފެށުމަށް ޓަކައި ބޭރުގެ ކުންފުންޏަކާ މިހާރު ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ އެކަމުގެ ސާވޭ ކުރައްވަން ފައްޓަވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި އެ މަޝްރޫގެ ސަބަބުން ބޮޑުތިލަދުންމަތީގައި ވަރަށް ގިނަ ވަޒީފާތައް އިތުރުވެގެންދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.