05 Feb 2013, 12:55
ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ހޯމް ފައިނޭންސިން ފެސިލިޓީ"ގެ ހިދުމަތް ދޭންފަށައިފި އެވެ.
އިސްލާމިކް ޕްރިންސިޕްލް އޮފް ޑިމިނިޝިން މުޝާރަކާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރި ވެވޭނޭ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.
ޕޯސްޓު ބިލްޑިންގުގައި ހުންނަ އިސްލާމިކް ބޭންކުގެ އޮފީހުގައި ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެ ބޭންކުގެ ސީނިއާ މެނޭޖާ ފައިނޭންސިން ރިޒާ ރޮސްލީ ބިން މުހައްމަދު ރޮސްލީ ވިދާޅުވީ އަލަށް ފެށުނު ހޯމް ފައިނޭންސިން ފެސިލިޓީ ޕޮރުގުރާމުގެ ދަށުން އެ ބޭންކުން އެހީތެރިވެދޭނީ އެއްކޮށް ނިމިފައި ހުންނަ ގެއާއި ފްލެޓް ފަދަ ތަންތަން ހޯދައި ދިނުމަށް ކަމަށެވެ.
ޑިމިނިޝިން މުޝާރަކާގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދެނީ ބޭންކަށް މިލްކިއްޔާތެއް ގަތުމަށްފަހު، ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން އެމިލްކިއްޔާތު ގަންނަން ބޭނުންވާ މީހާއަށް ދިގުމުއްދަތަކަށް ކުއްޔަށްދީގެން އެ ދޭ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަދަށް ފައިސާ ދެއްކުމުން ކުއްޔަށް ހިފާ މީހާއަށް އެ މުދަލެއް އެއްކޮށް މިލްކުވާ ގޮތަށެވެ.
"މި ކޮންސެޕްޓްގެ ދަށުން ބޭންކާއި ކަސްޓަމަރާ ދެފަރާތް ބައިވެރިވެގެން މުދާ މިލްކު ކުރަނީ. އޭގެ ފަހުން ބޭންކުގެ ހިއްސާ ހަމަހަމަވާ ގޮތަށް ދެބަޔަށް ބަހާލެވޭނެ. ދެން ދެފަރާތުން އެއްބަސްވެވޭ އަގަކާއި އަދި ހަމަޖެހިފައިވާ ވަކި ތާވަލެއްގެ ދަށުން ބޭންކަށް ގަތް އެ މުދާ ކަސްޓަމަރާ ހަވާލު ކުރެވޭނެ. އަދި ކަސްޓަމަރު މުދަލާ ހަވާލުވެ އެއަށް އަގުދައްކަން ފެށުމުން މުދަލުގެ މައްޗަށް ބޭންކަށް އޮންނަ ހިއްސާ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މަދުވަމުން ދާނެ،" ރިޒާ ރޮސްލީ ބިން މުހައްމަދު ރޮސްލީ ވިދާޅުވި އެވެ.
ރޮސްލީ ވިދާޅުވީ ޑިމިނިޝިން މުޝާރަކާ ޕްރޮޑަކްޓްސްތަކުގެ ތެރޭގައި އަވަސް މުއްދަތެއްގައި ރިފައިނޭންސިން، ރިނޮވޭޝަން އަދި ކޮންސްޓްރަކްޝަންގެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށެވެ.
ޑިމިނިޝިން މުޝާރަކާއާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެމްއައިބީގެ ސީނިއާ އޮފިސާ ފައިނޭންސިން ޑިޕާޑްމެންޓް ނާހިދު އިދްރީސް ވިދާޅުވީ އެބޭންކުން އަލަށް ތައާރަފް ކުރި ސްކީމްގެ ދަށުން ގަނެވޭނީ އެއްކޮށް ނިމިފައި ހުންނަ ފްލެޓް ނުވަތަ އެޕާޓްމަންޓްތައް ކަމަށެވެ.
"އަލަށް މި ތައާރަފު ކުރަނީ ކޮމްޕްލީޓެޑް ފްލެޓްތައް ނުވަތަ އެޕާޓްމަންޓްތައް އަޅުގަނޑުމެން މެދުވެރިވެގެން ގަނެވޭނޭ ސްކީމެއް. ޑިމިނިޝިން މުޝާރަކާ ސްކީމްގެ ދަށުން ބޭންކުން މިދެނީ ގަންނަ މުދަލުގެ އަގުގެ 80 އިންސައްތަ. އަދި ކަސްޓަމަރު ޖެހޭނެ ގަންނަ މުދަލުގެ އަގުގެ 20 އިންސައްތަ ހިއްސާ ކުރައްވާން" ނާހިދު ވިދާޅުވި އެވެ.
އެގޮތުން އެގަންނަ މުދަލުގެ އަގު ބެންކަށް ދެއްކުމަށް ނުވަތަ މުދަލުގައި ހިމެނޭ އިސްލާމިކް ބޭންކުގެ ހިއްސާ ގަތުމަށްޓަކައި ކަސްޓަމަރަށް 20 އަހަރު ދުވަހުގެ ދިގު މުއްދަތެއް ލިބޭނޭ ކަމަށެވެ.
"މި ކޮންސެޕްޓްގައި ބޭންކަށް ލިބޭ ޕްރޮފިޓަކީ، އެ މުދަލުގައި ހިމެނޭ އަޅުގަނޑުމެންގެ ބެނެފިޝަލް ރައިޓް ހިމެނޭ ޝެއާ ކަސްޓަމާ ބޭނުން ކުރާތީ އަޅުގަނޑުމެންނަށް ދައްކާ ކުލިން ލިބޭ ފައިދާ. އެގޮތުން އަޅުގަނޑުމެން އެ ފައިދާ ކަލްކިއުލޭޓް ކުރާނީ 10.5 ޕަސެންޓުގެ ރޭޓެއްގައި. އެގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަވެސް ކަސްޓަމާ ގާތުގައި ބުނާނަން ޖުމުލަ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދާއި މުޅި ޖުމްލަ ކަސްޓަމާގެ އަތުން އެ ފްލެޓް ގަތުމަށް ހަރަދުވެގެން ދާނޭ އަދަދު،" ނާހިދު ވިދާޅުވި އެވެ.
އިސްލާމިކް ބޭންކުން ފުލެޓް ގަތުމަށް ދޫކުރާ ސްކީމްގައި ބައިވެރި ވެވޭނީ އެސްކީމަށް އެދުމުގެ ކުރިން މެދު ނުކެނޑި ތިން އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވާ އަދި ވަޒީފާ އަދާކުރަމުން ގެންދާ ފަރާތްތަކަށެވެ. އަދި އެފަރާތަކީ ފްލެޓްގެ އަގު ހަމަވަންދެން އޭނާއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ އިސްލާމިކް ބޭންކަށް ދެއްކޭނޭ ފަރާތަކަށްވެސް ވާންޖެހެއެވެ.