07 Oct 2010, 14:33
ގައުމީ މަންހަޖު މުރާޖައާކޮށް އިސްލާހުކޮށްފައި ވަނީ ގާނޫނޫ އަސާސީގެ އިމުގެ ތެރެއިން އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ ގޮތުން އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ތައުލީމީ ދާއިރާ އަށް ގެންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީއާ ދެކޮޅަށް ޖަމިއްޔަތުއް ސަލަފުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނަށް ރައްދީ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައުމީ މަންހަޖު މުރާޖައާކޮށް އިސްލާހުކޮށްފައި ވަނީ "ވަށާޖެހޭ ތައުލީމެއް" ގެ އަސާސްތަކުގެ މައްޗަށް ކަމަށެވެ. އަދި ގައުމީ މަންހަޖު އެކުލަވާލުމުގައި ބަލައިފައި ވަނީ ގިނަ ކަންތައްތަކަކަށް ބެލުމަށް ފަހުގައި ކަމަށާއި އޭގެ ތެރޭގައި އިސްލާމީ ހަރުދަނާ އަގީދާއެއްގެ މައްޗަށް ބިނާވާ، އަމިއްލަވަންތަކަން ދަމަހައްޓައި ރާއްޖޭގެ އާދަކާދަ އާއި ސަގާފަތަށް ހުރުމަތްތެރިކޮށް ހިތައި، އަމިއްލަ ނަފްސުގެ ގާބިލްކަން އެނގި އޭގެ މައްޗަށް އިތުބާރުކުރާ، ކަންކަމާ ކުރިމަތިލާ ގާބިލު ފަރުދަކަށް ހެދުމާއި ތިމާގެ އާއިލާ އަށާއި މުޖުތަމައަށް އަދި ބައިނަލްއަގްވާމީ މުޖުތަމައެއްގައި އެ މީހެއްގެ ހިއްސާ އަދާކުރާ، އުފެއްދުންތެރި ޒިންމާދާރު ފަރުދަކަށް ހެދުން ހިމެނޭ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
މީގެ އިތުރުން އުނގެނުމަށް ޝައުގުވެރިކަން ހުންނަ، ކަންކަން ހޯދައި ތަޖުރިބާ ކުރުމަށް ލޯބި ކުރާ، ކަންކަމާ މެދު ސުވާލު އުފައްދާ އަދި އިލްމު ހޯދައި، އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، ކާމިޔާބު ފަރުދަކަށް ހެދުމަކީ ވެސް ގައުމީ މަންހަޖު އިސްލާހު ކުރުމުގައި ބެލި ކަންތައްތައް ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އަމިއްލަ ޖަމިއްޔާތަކުން ރައްޔިތުން ފިތުނަ ފަސާދައިން އެއްކިބާ ކުރުމަށް މަސައްކަތް ކުރުމަކީ އެފަދަ ޖަމާއަތްތަކުގެ ޒިންމާއެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ދެކޭ ކަމަށާއި ނަމަވެސް ޖަމިއްޔަތުއް ސަލަފުން ނެރުނު ނޫސްބަޔާނުގައި ވަނީ ސައްހަ މައުލޫމާތު ކަމަށް އެމިނިސްޓްރީން ދެކޭ ކަމަށެވެ.
ޖަމިއްޔަތުއް ސަލަފުން ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ޑރ. މުސްތޮފާ ލުތުފީ އަކީ އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކަށް ބުރޫއަރާ ފަދަ ގޮތަކަށް ދިވެހި ތައުލީމީ އޮނިގަނޑު ފަރުމާކޮށް ރާއްޖޭގެ ގާނޫނު އަސާސީއަށް ރިޔާއަތްކުރުމަކާ ނުލައި ދިވެހި މުސްލިމުންގެ އިހުސާތަކާ ސީދާ އިދިކޮޅަށް ރާއްޖެއިން އިސްލާމްދީން ފަނޑުކޮށް އެންމެހާ ދީންތަކާއި އަގީދާތައް މިކްސް ކުރައްވާ ބޭފުޅެއް ކަމަށް. އެހެންވެ އެ މަނިކުފާނު މަގާމުން ވަކި ކުރުމަށް ސަލަފުން ވަނީ ގޮވާލާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މިއަދު ނެރެފައިވާ އެނޫސްބަޔާނާ ގުޅިގެން ސަލަފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.