05 Feb 2013, 12:40
ސްޕެއިންގެ ބާސެލޯނާގެ އެންމެ ބޮޑު ވާދަވެރިޔަކީ އެންމެ ފަހުގެ ސްޕެނިޝް ލަލީގާ ޗެމްޕިއަން ރެއާލް މެޑްރިޑް ނޫން ކަމަށާއި އެކަމަކު އެތުލެޓިކޯ މެޑްރިޑް ކަމުގައި ބާސާގެ ބްރެޒިލް ޑިފެންޑަރު ޑެނީ އަލްވޭސް ބުނެފި އެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ބާސާ އޮތްއިރު، ދެވަނައިގައި އޮތް ކްލަބަކީ އެތުލެޓިކޯ އެވެ. ބާސާ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓްގެ ލީޑެއްގަ އެވެ. އެންމެ ފަހުގެ ލަލީގާ ޗެމްޕިއަން މެޑްރިޑާއި ބާސާއާ ދެމެދު ސޯޅަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.
"އެތުލެޓިކޯ އަކީ އަހަރެމެންގެ އެންމެ ބޮޑު ވާދަވެރިޔާ. ނަމަވެސް މީހުން އަބަދުވެސް ދައްކަމުންދަނީ މެޑްރިޑްގެ ވާހަކަ. އަހަރެމެން ބަލާކަށް ނުޖެހޭ ދެވަނައިގައި ޓީމެއް އޮތްއިރު، ތިންވަނައިގައި އޮތް ޓީމަކަށް. އަހަރެމެން މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުދައްކާނަމަ، އެތްލެޓީކޯ އިން އަހަރެމެން ހައިރާން ކޮށްލަފާނެ." އަލްވޭސް ބުންޏެވެ.
ސްޕެނިޝް ލަލީގާގައި ބާސާ އިން މިދިޔަ އާދީއްތަ ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލަން ޖެހުނީ އެންމެ ޕޮއިންޓަކާ އެކުއެވެ. އެމެޗު 1-1 ލަނޑުން އެއްވަރުވިއިރު، ދެޓީމަށް ލަނޑު ޖަހައިދިން ދެ ކުޅުންތެެރީންނަކީ ވެސް އާޖެންޓީނާއަށް ނިސްބަތްވާ ދެކުޅުންތެރިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ވެލެންސިއާގެ ނަންބަރު ދިހައެއް އެވާ ބަނޭގާ ކާމިޔާބުކުރި އިރު، ބާސާ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބާސާގެ ނަންބަރު ދިހައެއް ލިއޮނެލް މެސީ އެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުން 1-1 ލަނޑުން އެއްވަރުވި ނަމަވެސް މެޗު ނިންމާލީ ހިތްހަމަޖެހިގެން ކަމުގައި އަލްވޭސް ބުނެފައި ވެއެވެ. "ވެލެންސިއާގެ ދަނޑުގައި މިކަހަލަ ނަތީޖާއެއް ހޯދުނީތީ އުފާކުރަން. އެންމެ ރަނގަޅު ކުޅުން ނުދެއްކޭނަމަ، ބުއްދި ބޭނުންކުރަން ޖެހޭނެ. މެޗަކުން މޮޅުނުވުމަށް ވުރެ، ޕޮއިންޓެއް ހޯދުން ރަނގަޅުވާނެ." އަލްވޭސް ބުންޏެވެ.
ސްޕެނިޝް ލަލީގާގައި ދެން ބާސާ ނުކުންނާނީ ގެޓަފޭ އާއި ދެކޮޅަށެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު ދިހަ ވަނަ ދުވަހު އެވެ.