ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންހެނުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުޓްބޯޅަ ޓީމް (ސަން ޓީމު)ގެ ކާމިޔާބު ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ރޭގެ އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސައިން އެވެ. އަދި އެ ހަފްލާގައި ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ސަންގެ އިސް ވެރިންނާއި އެފްއޭއެމްގެ ބައެއް އިސް ވެރިންނާއި ސަން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރި ވިއެވެ.

ރޭގެ ހަފުލާގައި އެންމެ މުހިއްމު ކަމަކަށް އޮތީ ސަން ޓީމު ހޯދި ފަހުރުވެރި ކާމިޔާބު ފާހަގަކޮށް ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ސަން ޓީމުގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ދެއްވި ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށް ދިނުމެވެ. އަދި ފަހުރުވެރި އެ ކާމިޔާބު ފާހަގަކޮށް ސަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ޗެއާމަންގެ ފަރާތްޕުޅުން ޓީމަށް ހަދިޔާއެއްގެ ގޮތުގައި 100000ރ. ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އަންހެނުންނަށް ކުރާ ނޭދެވޭ އަނިޔާތަކާއި އަދި އަންހެނުންނާ ދޭތެރޭ އިހާނެތިވުން ދުނިޔޭގައި ވަނީ އިންތިހާ އަށް ގޮސްފައި ކަމަށެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެއަކީ ވިސްނުން ތޫނު ބަޔަކު ދިރިއުޅޭ ގައުމަކަށް ވުމުން އަންހެނުންނަކީ ކެރޭ މުރާލި ހިތްވަރު ހުރި ބައެއްކަން އަޅުގަނޑުމެންގެ ރާއްޖޭގެ އަންހެނުން ދައްކަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ އެއަށް ވުރެ ވިސްނުން ތޫނު ބަޔަކު ދިރިއުޅޭ ގައުމެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އަންހެނުންގެ މުސްތަގުބަލަށް ބަލައިލި ކަމުގައި ވިޔަސް އަދި ތާރީހަށް ބަލައިލިޔަސް އަޅުގަނޑުމެންގެ ރާއްޖޭގެ އަންހެންނަކީ ހަމަ ފިރިހެނުންނާއި އެއްފަދައިން އެއް ހަމައެއްގައި ފައިތިލަތައް ސާބިތުކުރަމުންދާ ބައެއް،" އޭނާ ވިދާޅުވި އެވެ.

ސިޔާމު ވިދާޅުވީ ދިވެހި އަންހެނުންގެ ހިތްވާރާއި ކެތްތެރިކަމާއި ކެރޭމިންވަރު ތާރީހުގައި ވެސް ދައްކުވައި ދީފައިވާ ކަމަށެވެ.

"އޭގެ ހެއްކަކީ މީގެ ގާތްގަނޑަކަށް ތިރީހަކަށް ސާޅީ ހަކަށް އަހަރު ކުރީގައި ބައްޕަ ނުވަތަކާފަ ނުވަތަ ބޭބެ ދާނީ މަހަށް. މަހަށްގޮސް މަސްގެނައިމާ މަސް ހިއްކުމާއި ގަރުދިޔަ ކެއްކުމާއި އަދި ރިހަ ކެއްކުމާއި އަދި އެއިން ފާއިދާކުރަނިވި ހިކިމަސް ހެދުމަކީ އަންހެނުންގެ ވަޒީފާއެއްކަމަށް ވެފައި،" ސިޔާމު ވިދާޅުވި އެވެ.

އަދި ދަރިން ބެލުމާއި އަޅާލުމާއި ތަރުބިއްޔަތު ކުރުމާއި ދަރިފުޅުގެ އުމުރުން ހަ މަސް ނުވަތަ އަހަރު ދެ އަހަރު ވަންދެން އެކުއްޖާ ހޭލާ ކޮންމެ ފަހަރަކު ކިތަންމެ ގަދަ ނިދީގައި އޮތްކަމުގައިވީ ނަމަވެސް ދަރިފުޅު ރޮއިލީމާ ކޮންމެ ފަހަރަކު ދަރިފުޅު މަސްލަހަތު ކުރުމަށް ދަރިފުޅަށް ދޭން ޖެހޭ ހުރިހާ އަޅާލުމެއް ދެނީ ވެސް ހަމަ އަންހެނުން ކަމަށް ސިޔާމު ވިދާޅުވި އެވެ. އަދި ސިޔާމް ވިދާޅުވީ އަންހެނުންގެ ކުރިއެރުމާއި މުޅި ގައުމުގެ ކުރިއެރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަންހެނުން ހޭލުންތެރި ކުރުވުމާއި ވިޔަފާރީގެ ތެރެއަށް އަންހެނުން ނެރުމާއި އަދި ކުޅިވަރުގައި ވެސް ފުންނާބު އުސް ބައެއް ކަމުގައި އަންހެނުން ހަދަން އެބަޖެހޭ،"

ސިޔާމު ވިދާޅުވީ އަޅުގަނޑުމެންގެ ގައުމު ތަރަށްގީ ކުރުމަށް ޓަކައި އަޅުގަނޑުމެންގެ އަންހެންބޭފުޅުންނާއި ފިރިހެން ބޭފުޅުން ހަމަހަމަ ގޮތެއްގައި ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ.

އެ ހަފްލާގެ ޝަރަފްވެރި މެހެމާން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ވާހަކަފުޅުގައި ވިދާޅުވީ އަންހެނުންގެ ފުޓްބޯޅަ ތަރައްގީކޮށް ފުޓްބޯޅައިގެ ތެރެއަށް އަންހެނުން ތައާރަފްކޮށް އަންހެނުންނަށް ވެސް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަތިވެރި މަގުސަދުގައި އެފްއޭއެމްގެ ފަރާތުން އިސްނަންގަވައިގެން މިފަދަ މުބާރާތެއް ފައްޓަވައި އަދި އެމުބާރާތަކީ ކާމިޔާބު މުބާރާތެއް ކަމުގައި ހައްދަވައި ދެއްވީތީ އެފްއޭއެމްގެ ކުރީގެ ވެރިންނަށާއި އަދި މިހާރުގެ ވެރިންނަށް އިހްލާސްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ.

އެކަމަނާ ފާހަގަ ކުރެއްވި ގޮތުގައި އުމުރުގެ އެއްވެސް ފުރައެއްގައި އަމަލީ ގޮތުން ދަނޑުމައްޗަށް ނުކުންނަވައިގެން ފުޓްބޯޅަ ކުޅުއްވާފައިވާ ބޭފުޅަކަށް ނުވި ނަމަވެސް ފުޓްބޯޅައަކީ އެކަމަނާ ވެސް ވަރަށް ޝައުގުވެރިކަން ހުންނަ، ތަރުހީބުދޭ އަދި ޢިބްރަތްތެރި ކުޅިވަރެއް ކަމަށް ވިދާޅުވި އެވެ.

އިލްހާމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި "ފުޓްބޯޅައަކީ ފޯރިގަދަ ކުޅިވަރެއްގެ އިތުރުން ގައުމުގެ އެއްބައިވަންތަކަން ދިރުވައި އާލާކޮށް އަދި ގައުމީ ރޫހުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރައްޔިތުން އެއްތަން ކޮށްދޭ ވަރުގަދަ ނިޒާމެއް" ކަމުގައި ވިދާޅުވި އެވެ.

އަދި ގައުމު ބައިބައިވެ ދޭދޭ ފަރުދުންނާއި އެކުވެރިން ހަތުރުންނަށް ވެގެންދާ ދަނޑިވަޅެއްގައި ވެސް އެފަދަ ބައިބައިވުންތައް ނެތިކޮށްލުމަށް ފުޓްބޯޅަ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް ވިދާޅުވި އެވެ.

އަދި "ދިވެހިންގެ މެދުގައިވެސް އެންމެ މަޝްހޫރު ކުޅިވަރެއްކަމުގައި ފުޓްބޯޅަ ވެގެން ގޮސްފައި ވަނީ މިދެންނެވި ސަބަބު ތަކަށްޓަކައި" ކަމަށް އިލްހާމް ވިދާޅުވި އެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ ވޭތުވެދިޔަ 65 އަހަރުގެ މާޒީގައި ދިވެހި ފުޓްބޯޅަ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ކުރެވިފައި އޮތް ނަމަވެސް އެ ދިގު މާޒީބަދަލުވެގެން ގޮސް 2012 ވަނަ އަހަރުން ފެށިގެން ދިވެހި އަންހެނުންގެ ފުޓްބޯޅަ މިވަނީ ގައުމީ ފެންވަރުގައި ފަށާފައި ކަމަށެވެ.


އިލްހާމް ވިދާޅުވީ ސަންޓީމު ހޯދާފައިވާ ކާމިޔާބު ދެމެހެއްޓުމަށްޓަކައި ފުޓްބޯޅަ މުބާރާތް ނިމުނު ކަމުގައިވީ ނަމަވެސް ޓީމުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށެވެ. އަދި ފަހުރުވެރި ޓީމެއްގެ ގޮތުގައި ސަންޓީމަށް ރާއްޖޭގެ ކުރިމަގުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނޭ ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.