05 Feb 2013, 11:38
ހއ. ހޯރަފުށީ ސީވިއު، ހުސެއިން މުހައްމަދު މަނިކު،61، (ހުސޭނުބޭ) މަރާލި މައްސަލައިގެ ޝަރީއަތް ދިގުދެމިގެން ގޮސްފައި ވަނީ ދައުލަތުން ހުށަހެޅި ސިއްރު ހެކީން ކޯޓަށް ހާޒިރުކުރުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ސިއްރުން ހެކިބަސް ނަގާގޮތަށް ހުށަހެޅި އެންމެ ފަހު މީހާގެ ހެކިބަސް މިއަދު ނަގާނިމިފައިވާތީ ކުރިއަށްއޮތްތަނުގައި އެ މައްސަލައިގެ ޝަރީއަތް އަވަސް އަވަހަށް ބޭއްވޭނެ ކަމަށެވެ.
މިއަދު ހެކިބަސް ނަގާފައި ވަނީ ހޯރަފުށީ ސޯސަންވިލާ، ނުއުމާން އަބްދުﷲ އާއި އެ ރަށު ޅޮހީގޭ މުހައްމަދު ލަތީފްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމާއި ވައްކަމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަހެވެ.
ކާކުކަން ނޭނގޭގޮތަށް ހެކިބަސް ދެމުން އެމީހާ ބުނީ ހުސޭނުބޭ މަރާލި ރޭ ދަންވަރު 12:30 ހާއިރު އެ މައްސަލައިގައި ދައުވާ ލިބޭ ލަތީފު އާއި ނުއުމާން، ލަތީފުގެ ގެ ހުންނަ ސަރަހައްދުގައި ހުރި ގޯޅިގަނޑެއްގެ ތެރެއިން ހިނގާފައި ދަނިކޮށް އޭނާއަށް ފެނުނު ކަމަށެވެ. ނަމަވެސް އެވަގުތު އެ ދެ މީހުންގެ އަތުގައި އެއްވެސް އެއްޗެއް ނެތްކަމަށް ވެސް ހެކިބަސްދެމުން އެމީހާ ބުންޏެވެ.
އެ ދެ މީހުންގެ އިތުރުން އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އެރަށު އުންމީދީމަންޒިލް، އަހުމަދު އިބްރާހިމްގެ މައްޗަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ތިން މީހުންގެ ތެރެއިން ލަތީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ފުލުހުންގެ މީހަކު ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ އެމީހާ ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ބޭނުންވާކަމަށެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު އިތުރު ހެކި ހުށަހަޅަން ޖެހިއްޖެނަމަ އެފުރުސަތު ދިނުމަށް ވެސް ޝަރީއަތުގައި ދައުލަތުން ވަނީ އެދިފަ އެވެ.
ގާޒީ ވިދާޅުވީ ކޮންމެ ފަރާތަކުން ހުށަހެޅި ހެއްކެއް ވިޔަސް ޝަރީއަތުން ބެލުމަށްފަހު ކޯޓަށް ހާޒިރުކުރަންޖެހޭ ހެކިވެރިއެއްނަމަ ހާޒިރު ކުރާނެ ކަމަށެވެ.
އެ ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ހުސޭނުބޭ މަރުވެފައި ވަނީ އެމީހުން އޭނާ ރަހީނުކޮށްގެން އުޅެނިކޮށް ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި ވައްކަމުގެ ދައުވާ ކޮށްފައި ވަނީ ހުސޭނުބޭގެ ގެއިން އެ ތިން މީހުން ލައްކައަކަށް ވުރެ ގިނަ ރުފިޔާއައި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ވަގަށްނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.