05 Feb 2013, 11:03
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގައުމީ އިއްތިހާދު ޕާޓީގެ ޓިިކެޓްގައި ނިކުމެވަޑައިގަންނަވާން ބޭނުންފުޅުވަނީ ގިނަ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ކަމަށާއި ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް މަަސައްކަތްކުރަމުން އަންނަ ކަމަށް ގައުމީ އިއްތިހާދު ޕާޓީ (ޖީއައިފީ) ބުނެފި އެވެ.
ޖީއައިޕީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވީ އެ ޕާޓީގެ ޓިކެޓްގައި ރައީސް ޑރ. ވަހީދަށް ނިިކުމެވަޑައިގަންނަވާ އިރު، ޕާޓީތަކާ އެކު ކޯލިޝަން ހަދަން މަޝްވަރާ ކުރަން ފެށުމުން ބައެއް ޕާޓީތަކުން، ކޯލިޝަނަކަށް ހަދާނެ ކަމުގެ އިޝާރާތެއްކޮށްފައިވާ ކަމަށެވެ.
"ރައީސް ޑރ. ވަހީދު ނިކުމެވަޑައިގަންނަވާ އިރު އެމަނިކުފާނަށް ތާއިދު ކުރައްވާނެ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ. ރާއްޖެ ތެރޭގައި ވެސް ވަރަށް ގިނަ ބަޔަކު އެމަނިކުފާނުގެ ވެރިކަމަށް ގެންނަން އެެބަ ބޭނުންވޭ... މިހާތަނަށް ރައީސް ވަހީދަށް ތާއިދު ކުރައްވައިގެން ކޯލިޝަނެއްގެ ތެރެއިން ބައެއް ޕާޓީތަކުން ނިކުންނާނެ ކަމުގެ އިޝާރާތްތައް ވަނީ ދީފައި. އެހެން ނަމަވެސް ބޭނުން ވަނީ ވިހާވެސް ގިނަ ބަޔަކާ ކޯލިޝަން ހަދައިގެން އިންތިހާބާއި ކުރިމަތިލާން،" އައްބާސް ވިދާޅުވި އެވެ.
ޖީއައިޕީން ބައެއްް ޕާޓީތަކާއި އެކު ކޯލިޝަން ހެދުމަށް މަސައްކަތްކުރާއިރު 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓް ހޯދެއްވި ޑރ. ހަސަން ސައީދުގެ ގައުމީ ޕާޓީ އާއި އެ އަހަރު ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީއާ އަދި ދެވަނަ ބުރުގައި އެމްޑީޕީއާ ކޯލިޝަން ހެދި އަދާލަތު ޕާޓީ މި އަހަރު ފެންނާނީ ޖީއައިޕީއާ އެކު ކަމަށް އެ ޕާޓީގެ އިސް ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.