ސްޕެއިންގެ ބާސެލޯނާ އަކީ ހަމައެކަނި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ނޫންކަމަށް އެކްލަބުގެ ސްޕެއިން ތަރި އަންދްރޭސް އިނިއެސްޓާ ބުނެފި އެވެ.

ނިމިގެންދިޔަ އަހަރު ވެގެންދިޔައީ މެސީގެ ކެރިޔަރުގައި ވަރަށް ކާމިޔާބު އަހަރަކަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީ ވަނީ މިދިޔަ އަހަރުގައި ނުވަދިހަ ލަނޑު ކާމިޔާބުކޮށް، އަހަރެއް ތެރޭ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ކުރިން އެ ރެކޯޑް އޮތީ ޖަރުމަން ކުރީގެ ތަރި ގާޑް މުލާ އަތުގަ އެވެ. މުލާ އަށް ކާމިޔާބު ކުރެވުނީ އަށްޑިހަ ފަސް ލަނޑެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި، މޮޅު ޓީމަކަށް ވާނީ ކޮންމެ ކުޅުންތެރިއެއް ވެސް އެކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ދެއްކުނީމާ. ބާސާ އަކީ މެސީއާ އެކު ރަނގަޅު ޓީމެއް. އަދި ބާސާގައި މެސީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާ. ފުޓްބޯޅަ އަކީ ހަމައެކަނި އެންމެ މީހެއްގެ ކުޅުމެއް ދައްކާ ކުޅިވަރެއް ނޫން. މިއީ ޓީމް ކުޅިވަރެއް." އިނިއެސްޓާ ބުންޏެވެ.

މެސީ ވަނީ މިދިޔަ މަހު ހޮވި ފީފާ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކޮށްފަ އެވެ. އެ އެވޯޑަކީ ޖެހި ޖެހިގެން މެސީ ކާމިޔާބުކުރި ހަތަރު ވަނަ ބެލޮންޑިއޯ އެވޯޑެވެ. މިފަހަރުގެ އެވޯޑް އިނިއެސްޓާ އަށް ލިބިދާނެ ކަމަށް މެސީ ގަބޫލުކުރި ނަމަވެސް ބެލޮންޑިއޯ ލިބުނީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ކަމަށް އިނިއެސްޓާ ބުނެފައިވެ އެވެ.

"މެސީ އެހެން ބުނުމުން އުފާކުރަން. އެވޯޑް ލިބޭނެ ކުޅުންތެރިޔާ ހޮވުމަށް ސްޓޭޖް މަތީގައި ހުރި އިރު، މެސީ އަކީ އަހަރެންގެ ވާދަވެރިއެއް ކަމަކަށް އަހަރެން ނުބަލަން. އެވޯޑް ލިބުނީ ހަމަ އެންމެ ރަނގަޅު ކުޅުންތެރިޔާ އަށް. މެސީ އަށް ހަތަރުވަނަ ބެލޮންޑިއޯ އެއް ލިބުމުން އަހަރެން އުފާކުރަން." އިނިއެސްޓާ ބުންޏެވެ.

މިސީޒަންގެ ސްޕެނިޝް ލަލީގާގައި މިހާތަނަށް މެސީ ވަނީ ތިރީސް ހަތަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި މެސީ ވަނީ ފަސް ލަނޑު ކާމިޔާބު ކޮށްފަ އެވެ.