05 Feb 2013, 10:31
އިޓާލިއަން ސެރީއާގައި ގެނޯއާ އާއި ދެކޮޅަށް ޔުވެންޓަސް ބައްދަލުކޮށް 1-1 ލަނޑުން އެއްވަރުވި މެޗަށް ފަހު، ރެފްރީ އަށް ފާޑުކިޔުނީތީ އެކަމަށް ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ މަޢާފަށް އެދިއްޖެ އެވެ.
ގެނޯއާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި އެ ޓީމަށް ޕެނަލްޓީއެއް ދޭން ޖެހޭނެ ކަމަށް ބުނެ ރެފްރީ އަށް ގޮވާލުމުން ކިއެލިނީ އަށް އެއް މެޗުގެ ސަސްޕެންޝަނެއް އައިސްފައިވެ އެވެ. ޕެނަލްޓީއެއް ނުދިނުމުން އެކަމާއި ކިއެލިނީ ހިތްހަމަ ނުޖެހުން ފާޅުކުރި އިރު، މިކަން ހިނގީ ގެނޯއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅައިން ޖެހުމުންނެވެ.
"އަހަރެންނަށް އެއް މެޗުގެ ސަސްޕެންޝަނެއް އެކަމަށް އިހްތިރާމް ކުރިން. މިހާރު އެހުރިހާ ކަމަކީ ނިމިގެން ގޮސްފައިވާ ކަންތައްތަކެއް. މި ހިނގައި ދިޔަ ހާދިސާރަކަށް އަހަރެން މަޢާފަށް އެދެން. އެމެޗަށް ފަހު ކުޅުނު މެޗުގައި ކުޅި ބަލަން އިނދެގެން އަހަރެންނަށް އިނދެވުނީ މާ ބޮޑަށް ކަންބޮޑުވެފައި. އެއީ އެންމެ ފަހުން ކުޅުނު މެޗުގައި ސަސްޕެންޝަނުގައި އިންނަން ޖެހުމުން ކަމަށް ވެދާނެ." ކިއެލިނީ ބުންޏެވެ.
އިޓާލިއަން ސެރީއާގައި މިދިޔަ އާދީއްތަ ދުވަހު ޗިއޭވޯ ވެރޯނާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން މޮޅުވީ 2-1 ލަނޑުންނެވެ.
ލީގުގެ އެއްވަނާގައި މިވަގުތު ޔުވެންޓަސް އޮތީ ތިން ޕޮއިންޓްގެ ލީޑަކާއެކެ އެވެ. ލީގުގެ ދެވަނާގައި ނަޕޯލީ އޮތް އިރު، ތިންވަނާގައި އޮތީ ލާޒިއޯ އެވެ. ހަތަރު ވަނަ އަދި ފަސްވަނާގައި އޮތީ އޭސީ މިލާނާއި އިންޓަ މިލާނެވެ.