ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ކުރިއަށްދާ އިންޓަ އޮފީސް 16 ވަނަ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން އައިލެންޑް އޭވިއޭޝަން މޮޅުވެއްޖެ އެވެ.

މާފަންނު ސްޓޭޑިއަމްގައި އޮންނަ އައުޓްޑޯ ކޯޓުގައި ރޭ ކުޅުނު މެޗުން އައިލެންޑް އޭވިއޭޝަން މޮޅިވީ، ދިރާގާ ވާދަކޮށް 58 ޕޮއިންޓް 50 ޕޮއިންޓުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިލެންޑް އޭވިއޭޝަންގެ އަލީ ލިވާޒް އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ބަޔަށް 11 ޕޮއިންޓް ކާމިޔާބު ކޮށްދީފަ އެވެ.

ރޭގެ މެޗުން އައިލެންޑް އޭވިއޭޝަން މޮޅެއް ހޯދި ނަމަވެސް، މުބާރާތުގައި އެޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. އެ މެޗުން އައިލެންޑް އޭވިއޭޝަން ބަލިވީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީއާ ވާދަކޮށް 58 ޕޮއިންޓް 37 ޕޮއިންޓުން ނެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މުބާރާތުގައި މިރޭ 9:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އާއި އެމްއެންޑީއެފް އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ފައިނަލް މެޗް ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިމިގްރޭޝަން އެވެ.