ޕާކިސްތާނާ ދެކޮޅަށް މި މަހުގެ 12 އަދި 14 ވަނަ ދުވަހު ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ނެގި 27 ކުޅުންތެރިންގެ ސްކޮޑުން އީގަލްސްގެ އަހުމަދު އިމާޒް (އާއްކޮ) ބާކީކޮށް، އޭނާގެ ބަދަލުގައި ނިއުރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) ސްކޮޑަށް ނަގައިފި އެވެ.

ގައުމީ ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވީ، އާއްކޮ ސްކޮޑުން ބާކީ ކުރީ މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާއިން އަދި މުޅިން ފިޓް ނުވާތީ ކަމަށެވެ . އެހެން ނަމަވެސް އޭނަގެ ބަދަލުގައި މިހާރު ސްކޮޑަށް ނަގާފައި ވަނީ ވިކްޓަރީން މި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުއަށް ބަދަލުވި އަލީ ފާސިރު ސެންޓޭ އެވެ.

މާލޭގައި ކުޅޭ އެ ދެމެޗަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ޕާކިސްތާނާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ އެކލުވެރި ކަމުގެ ދެ މެޗަށް ނެގި 27 ކުޅުންތެރިން ތެރޭގައި، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ވެލެންސިޔާގެ އައްސަދު އަބުދުލްޣަނީ ހިމެނެ އެވެ.

ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން މިފަހަރު އެންމެ ގިނައީ މާޒިޔާއާއި ނިއުގެ ކުޅުންތެރިންނެވެ. އެގޮތުން އެ ދެ ޓީމުގެ ޖުމްލަ ނުވަ ކުޅުންތެރިއަކު ވަނީ ސްކޮޑުގައި ހިމަނައިފަ އެވެ. އަދި ވެލެންސިއާ އާއި ބީޖީން ހަތަރު ކުޅުންތެރިން ސްކޮޑަށް ނެގި އިރު، ވީބީން ނަގާފައި ވަނީ އެންމެ ކުޅުންތެރިއެކެވެ.