ލަންޑަން (ފެބްރުއަރީ 5): އަފްޣާނިސްތާނުގައި ސުލްޙަ ގާއިމްކުރުމާބެހޭ ގޮތުން އަފްޣާނިސްތާނާއި ޕާކިސްތާނާ އަދި އިނގިރޭސިވިލާތުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިޔަށް އެބަދެ އެވެ. މިސަމިޓް ކުރިޔަށްދަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅެއްކަމަށްވާ ޗެކާޒް ކަންޓްރީ ރިޓްރީޓް ގަ އެވެ.

މިއީ އިނގިރޭސިވިލާތުގެ ރައްފުށުގެސަރަޙައްދުގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅެކެވެ. އަންނަ އަހަރު ނިމުމުގެ ކުރިން ހުޅަނގުގެ ބާރުތައް އަފްޣާނިސްތާނުން ފައިބާއިރު އެއަށް ފަހު އެގައުމަށް ކުރިމަތިވެދާނެ އަމްނާ ބެހޭ މައްސަލަތަކާއި ތާލިބާނުން ސުލްޙައިގެ މޭޒުދޮށަށް ގެނައުމުގެ މައްސަލަތައް ފަދަ އަފްޣާނިސްތާނުގައި ސުލްޙަ ގާއިމްކުރުމާ ގުޅިފައިވާ މައްސަލަތަކާބެހޭ ގޮތުން މިސަމިޓްގައި ދަނީ މަޝްވަރާކުރެވެމުންނެވެ.

އިނިގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި އާއި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ބައިވެރިވެވަޑައިގަންނަވާ މިސަމިޓާބެހޭ ގޮތުން އިނގިރޭސި ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވީ މިސަމިޓްގެ އެއްބޭނުމަކީ ސުލްޙައިގެ ވަގުތު އަތުވެއްޖެކަމުގެ މެސެޖް ތާލިބާން ޖަމާއަތަށް ދިނުމާއި ތާލިބާނުން ވެސް އަފްޣާނިސްތާނުގެ ސުލްޙައިގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ބޭނުންތެރިކަން އެޖަމާއަތަށް އަންގައި ދިނުމެވެ.

ތާލިބާނުން މިހާތަނަށް ވެސް ގެންދަނީ ހުޅަނގުގެ ގައުމުތަކުގެ ކޮންޓްރޯލްގެ ދަށުން އަފްޣާނިސްތާނުގައި ގާއިމްކޮށްފައިވާ ރައީސް ޙާމިދު ކަރުޒާއިގެ ސަރުކާރަށް އިޢްތިރާފް ވުމަށާއި އެސަރުކާރާ އެކު ސުލްޙައިގެ މޭޒުދޮށުގައި އިށީނުމަށް ދެކޮޅު ހަދަމުންނެވެ. އެހެންކަމުން ހުޅަނގުގެ ބާރުތައް ފައިބާއިރަށް ތާލިބާނުން ވަރުގަދައަށް ހަނގުރާމަކޮށް ކަރުޒާއިގެ ސަރުކާރު ވައްޓާލައި އަފްޣާނިސްތާނުގައި އަނެއްކާވެސް ތާލިބާނުންގެ ސަރުކާރެއް ޤާއިމްކުރާނެ ކަމުގެ ބިރު އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ ބާރުތައް ގެންދަނީ އިޙްސާސް ކުރަމުންނެވެ. އަފްޣާނިސްތާނުގައި މިހާރު ވެސް އިނގިރޭސިވިލާތުގެ 9000 ސިފައިން ހަނގުރާމަކުރަމުން ގެންދެ އެވެ.

އިއްޔެގެ ވާހަކަތަކަށް ފަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީއާއި އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ވިދާޅުވީ އެދެބޭފުޅުންގެ އަމާޒަކީ އަފްޣާނިސްތާނުގެ ސުލްޙަ ޤާއިމް ކުރުމުގެ ސުލްޙައިގެ އެއްބަސްވުމެއް ކުރިޔަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި ވުޖޫދަށް ގެނައުން ކަމުގައެވެ. އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަކީ ޕާކިސްތާނަށް ވެސް ސަލާމަތީގޮތުން ވަރަށްބޮޑު ލުއިކަމެއް އަންނާނެ ކަމެއްކަމަށް އެދެބޭފުޅުން ވިދާޅުވިއެވެ. (އަލްޖަޒީރާ)