ދަވްޙާ (ފެބްރުއަރީ 5): ސޫރިޔާއަށް ސުލްޙަ ގެނައުމަށް ޓަކައި ރައީސް ބައްޝާރުލްއަސަދަށް ހުށަހަޅާފައިވާ ސުލްޙައިގެ ހުށަހެޅުމަށް ރައްޔިތުންގެ ފައިދާއާއި މަސްލަހަތަށް ބައްލަވައިގެން އިޖާބަ ދެއްވުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުގެ ގުޅިފައިވާ ކޯލިޝަންގެ ވެރިޔާ މުޢާޛުލްޚަތީބު ބައްޝާރަށް ގޮވާލައްވައިފި އެވެ.

އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި މުޢާޛުލްޚަތީބު ވިދާޅުވީ ސޫރިޔާގެ ކުށެއްނެތް ރައްޔިތުންގެ ލެއިން ބޮޑެތި ކޯރުތައް އުފެދި ކޮންމެ ދުވަހަކު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު ކަތިލެވެމުންދާ ދިޔުމާމެދު ބައްޝާރު ވެސް ވިސްނާވަޑައިގެން ސުލްޙައިގެ މަގު އިޚްތިޔާރު ކުރެއްވުމަށް އޭނާ އަށް ވަރަށް އިޚްލާސްތެރިކަމާ އެކު ގޮވާލައްވާ ކަމަށާއި ހެޔޮނިޔަތެއްގައި މިގޮވާލުމަށް އިޖާބަދެއްވުމަށް ބައްޝާރުގެ ކިބައިން އެދިވަޑައިގަންނަވާ ކަމުގަ އެވެ. ސޫރިޔާގެ މައްސަލަ އަކީ ސުންނީންނާއި ޝިޔަޢީންގެ މައްސަލައެއް ނޫންކަމަށާއި ސުންނީންނާއި ޝިޔަޢީންގެ މަޛްހަބީ އަރާރުމަކަށް މި މައްސަލަ ހެދުމަށް ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ޒާތީ މަސްލަޙަތަށް ޓަކައި މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެފަރާތްތަކަށް އެފުރްސަތު ނުދެއްވާނެ ކަމަށް ވެސް މުޢާޛުލްޚަތީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޫރިޔާގެ މައްސަލައަކީ ރައީސް ބައްޝާރުލް އަސަދުގެ ޚުދުމުޚްތާރު އަދި އަނިޔާވެރި ސަރުކާރާއި ރައްޔިތުންނާ ދެމެދުގައިވާ މައްސަލައެއް ކަމުގަ އެވެ. ސޫރިޔާގައި މީގެ 23 މަސްކުރިން ފެށިގެން ކުރިޔަށްދާ ލޭއޮހޮރުވުން ހުއްޓުވުމަށް ޓަކައި މުޢާޛުލްޚަތީބު ވަނީ ރައީސް ބައްޝާރުލްއަސަދަށް ސުލްޙައިގެ ސިޓީއެއްވެސް ފޮނުއްވާފަ އެވެ. މިސީޓީގައި ސޫރިޔާގެ ލޭއޮހޮރުވުން ތައް ސުލްޙަވެރިކަމާ އެކު ވާހަކަދައްކައިގެން ހުއްޓުމަކަށް ގެނައުމަށް ބައްޝާރު ބޭނުންފުޅުވާ ނަމަ އޭނާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާ އުފުލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލާނެކަން ވެސް އިދިކޮޅު ލީޑަރު މުޢާޛުލްޚަތީބު ބަޔާންކުރައްވާފައިވާ ކަމަށް އަލްޖަޒީރާ ޚަބަރު ދެ އެވެ. އަދި ކޮންމެ ދުވަހަކު މަރުގެ އަދި ޒަޚަމްވެފައިވާ ސޫރިޔާގެ ކުޑަކުދިންނާއި އަންހެނުންނާ މެދު އިންސާނިއްޔަތު ކަމުގެ ލޮލަކުން ބަލާލައި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މިސިޓީގައި ރައީސް ބައްޝާރުލް އަސަދަށް މުޢާޛުލްޚަތީބު އިލްތިމާސް ކުރައްވާފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

މުޢާޛުލްޚަތީބު ދާދިފަހުންވަނީ ބާރލިންގައި އީރާނުގެ ޚާރިޖީ ވަޒީރު ޢަލީ އަކްބަރު ސާލިޙީ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާވެސް ބައްދަލުކުރައްވާފަ އެވެ. މިދެގައުމަކީ ރައީސް ބައްޝާރުގެ ވެރިކަމުގެ ނިޒާމަށް އެންމެ ބޮޑަށް ވާގިވެރިވާ ދެގައުމުކަމަށް ވަނީ ބެލެވިފައެވެ.