05 Feb 2013, 09:51
ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބާ އެކު އެ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިޢުލާން ކުރައްވާފައިވާ ކެންޑިޑޭޓުން ގެންދަވަނީ މެދު ކެނޑުމެއް ނެތި ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވަމުންނެވެ. އެއިން ކޮންމެ ކެންޑިޑޭޓަކު ވެސް ދައްކަވާ ވާހަކަފުޅުތަކަކީ ކީހާވަރެއްގެ ހަގީގަތެއް ހުރި އަދި ގައުމަށް ކިހާ ވަރެއްގެ މަންފާއެއް ކުރާނެ ވައުދުތަކެއްތޯ ވިސްނަން ޖެހެ އެވެ.
ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވައި އިންތިހާބްގައި ވާދަކުރައްވައިގެން ކާމިޔާބު ކުރައްވައިފި ނަމަ އެވެނި މިވެނި ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވައުދުތައް ވެވަޑައިގެންނަވާ ކެންޑިޑޭޓުންގެ ވާހަކަފުޅުތަކުގައި ޖެހި ގައުމު އިގުތިސާދީ ބޮޑު އަޑިގަނޑަކަށް ވައްޓާލަން ޖާގަދެވިގެން ނުވާނެވެ. ކެމްޕެއިންގައި ވައުދުތަކެއް ވެގެން ނޫނީ ސިޔާސީ ޕާޓީތަކުގެ ފިކުރު ނުވިއްކޭނެ ކަމުގައިވާ އިރު އެވާހަކަތަކުގައި ބުރަދަނެއް ހުރިތޯ އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ބަލަންޖެހެ އެވެ.
ރިޔާސީ އިންތިހާބު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުން ގެންދާ އިރު، އެ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް އިޢުލާން ކުރައްވާފައިވާ ހަތަރު ކެންޑިޑޭޓުން ވެސް ގެންދަވަނީ އަވަދި ނެތި ކެމްޕެއިން ކުރައްވަމުންނެވެ. ވައުދުތައް ވެވަޑައިގެންނެވުމުގައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ދުލެއް ނުދެއްވަ އެވެ.
ރާއްޖޭގެ ނިސްބަތުން މިހާތަނަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ފަރާތުން މި އަހަރުގެ އިންތިހާބަށް ނުކުންނަވާނެ ކަމަށް އިއުލާންކޮށްފައިވާ، ކުރީގެ ރަޢީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީ ވެރިކަމެއްގައި މާލެ ސަރަހައްދުގައި 12،000 ފްލެޓް އަޅުއްވާނެ ކަމަށާއި މާލެއާއި ހުޅުމާލެއާއި ގުޅީ ފަޅުގެ ބްރިޖަކުން ގުޅާލަ ދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި 12،000 ފްލެޓް އެޅުމަށް ކޮންމެހެން ބޭރުގެ ބޮޑެތި ލޯންތަކެއްގެ އެހީ ހޯދަން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ރާއްޖޭގެ 10 ވަރަކަށް ރިސޯޓް ތަރައްގީ ކުރަން ދޫކޮށްލައިގެން އެކަން ވާނެ ކަމުގެ ވައުދު ވެސް ނަޝީދު ދެއްވާފައިވެ އެވެ. އަދި އެކަންކަން ހާސިލް ކުރުމަށް ބިމާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ މީހަކަށް ވަޒީފާއެއް ހޯދައިދެއްވުމާއި ރާއްޖޭގެ މީހުންނަށް ލިބޭ އާމްދަނީ މިހާރު އޮތް ވަރަށް ވުރެ ޑަބަލްކުރުމާއި ރާއްޖޭގައި ކިޔަވާ ކޮންމެ ކުއްޖަކަށްމެ ހެނދުނު ސްކޫލަށް ދާއިރު ނާސްތާއަށް ކިރު ތައްޓަކާއި ދޮންކެޔޮ ވަކެއް އެމްޑީޕީގެ ސަރުކާރެއްގައި ލިބޭނެ ކަމުގެ ވައުދު ވެސް ވެފައިވެ އެވެ. ނަމަވެސް އެކަންކަން ކުރެއްވުމަށް ފައިސާ ހޯއްދަވާނެ ގޮތުގެ މާ ގިނަ ފޯމިއުލާއެއް ނަޝީދު ނުދެއްވަ އެވެ.
ސިޔާސީ ކަންކަމުގައި އިސް ސަފުގައި ބަސްވިދާޅުވާ، ޑރ. މުހައްމަދު ސައުދު ވިދާޅުވި ގޮތުގައި ފްލެޓް އެޅުމުގެ މަޝްރޫއު ވެސް ރާއްޖޭގައި ކުރިއަށް ގެންދަނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އެކަން ކުރާ ގޮތާ ހިލާފަށް ކަމަށާއި ފްލެޓް އެޅުމުގެ ވާހަކައަކީ ވެސް އިގުތިސާދީ ގޮތުން ރާއްޖެ އަށް އެއްވެސް ކަހަލަ ކުރި މަގެއް ނެތް ގޮތަކަށް ރާއްޖޭގައި ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. ގެދޮރު އެޅުމުގެ ދާއިރާ ރާއްޖޭގައި އެކަށީގެންވާ ގޮތުގައި ރެގިއުލޭޓް ކުރެވިފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ނިސްބަތުން އެންމެ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ އެއް ވިޔަފާރިއަކީ 'ރިއަލްސްޓޭޓް' ގެ ވިޔަފާރި. ނަމަވެސް އެ ވިޔަފާރި މިވަނީ މާލޭގައި ތޮއްޖެހިފައި. މިހެން އޮތް އިރު މިދާއިރާ ހިންގާނެ އެއްވެސް ހަރުދަނާ އުސޫލެއް ނެތް ގާއިމްކުރެވިފައެއް، އެ ދާއިރާ އިން ނެތް ވަޒީފާއެއް އުފެއްދިފައެއް. ދުނިޔޭގެ އެހެން ތަންތަނުގައި އެކަން ކުރާނެ ގޮތް ބަލާފައެއް ނުވޭ، އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އެންމެ ދަށް މުސާރައެއް ލިބޭ މީހާއަށް ވެސް ފްލެޓެއް ލިބޭނެ ގޮތް ހަމަޖެހިފައި އޮތް އިރު ރާއްޖޭގައި އެކަން ނުވެ އޮތީ ކޮން ސަބަބަކާ ހުރެތޯ ބަލާފައެއް ނޫން އެވާހަކަތައް ރާއްޖޭގައި ދެކެވެނީ،" ސައުދު ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކުގެ ތެރެއިން ބައެއް ވައުދުތަކަކީ އެމްޑީޕީގެ ސަރުކާރެއްގައި ކުރެވިދާނެ ކަންކަން ކަމުގައި ބައެއް މީހުން ގަބޫލް ކުރެ އެވެ. ސަބަބަކަށް ވަނީ އެމްޑީޕީގެ ވެރިކަމުގައި ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޕާޓީން މާލެ އާއި ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަސައްކަތްތަކެއް ފަށާފައިވުމެވެ. އޭގެތެރެއިން ގިނަ ތަންތަން މިހާރު ނިމިފައިވާއިރު ނަޝީދު މިހާރު ވެވަޑައިގެންނަވާފައިވާ ފްލެޓްތަކުގެ ވާހަކަތައް ގިނަ ބައެއް މީހުންނަށް ގަބޫލް ކުރެވެ އެވެ. ނަމަވެސް އެމްޑީޕީން ވެރިކަމަށް އައުމަށް މީގެ ކުރިން ވެސް އެތައް ވައުދުތަކެއް ވެފައިވާއިރު އޭގެ ތެރޭގައި އެއްވެސް ތާކުންތާކުން ނުޖެހޭ މިހާރު ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާއިރު ކޮންމެހެން ބޭނުމެއް ނެތް އެތައް ވައުދެއް ވެފައިވާކަން އެއީ ވެސް ގަބޫލް ކުރަންޖެހޭ ހަގީގަތެވެ. އޭގެތެރޭގައި ރިހާކުރު ފެކްޓްރީއެއް އެޅުމާއި ކުއްޅަވައް ފެކްޓްރީއެއް އަޅަންވެވަޑައިގެންނެވި ވައުދަކީ ހުސް "ހޮޅި" ވާހަކަތަކެކެވެ. އަދި ހަމަ އެއާ އެކު ނަޝީދުގެ ތިން އަހަރުގެ ތެރޭގައި، ކުރިން ނުވަ ބިލިއަނުގައި އޮތް ދަރަނި ވަނީ 23 ބިލިއަނަށް އަރުވާލައި ދަރިދަރިކޮޅަށް ރައްޔިތުން ދަރުވާލައިފަ އެވެ.
ސައުދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ދިމާކޮށް މިހާރު ކެންޑިޑޭޓުން ވެވަޑައިގެންނަވަމުން ގެންދަވާ ވައުދުތަކަކީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ މައްސަލަތަކަށް ރިޔާއަތްކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމުގައި ނުބެލެވެ އެވެ. އޭގެތެރެއިން ގިނަ ވައުދުތަކަކީ ބޭރުގެ ގައުމުތަކުގެ އެކިއެކި ކެންޑިޑޭޓުން ކެމްޕޭންތަކުގައި ދައްކަވާ ވާހަކަތައް ކޮޕީކޮށްގެން ދައްކަވަމުން ގެންދާ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ރައީސް ނަޝީދުގެ އިތުރުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ނަޝީދާ އެކު ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ގެންދަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ގިނަ ވައުދުތަކެއް ރައްޔިތުންނަށް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީ ވެރިކަމަށް އަތުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުން ކަމަށާއި އެކަމަކީ ޒަމާނީ ޓެކްނޮލިޒީގެ އެހީގައި މިއަދު ރާއްޖޭގައި ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ އެކަން ކުރެއްވުމަށް ވަނީ ވައުދު ވެވަޑައިގެންފަ އެވެ. މީގެ އިތުރުން އޭލެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވާ ކޮންމެ ކުއްޖަކަށް ވެސް ޑިގްރީ އަށް ކިޔެވޭނެ ގޮތް ތަނަވަސްކޮށްދިނުމާއި އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލު ގާއިމް ކުރުމާއި ކުޅުދުއްފުއްޓާއި ހިތަދޫ ހޮސްޕިޓަލް މާލޭގެ ފެންވަރަށް ތަރައްގީކުރުގެ އިތުރުން ގްރޭޑް އަށަކުން މަތީގެ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ލިބޭނެ ގޮތް ހެއްދެވުމުގެ ވައުދު ހިމެނެ އެވެ.
ގާސިމުގެ އިތުރުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގައި ތެޔޮހުރިތޯ ބައްލަވާނެ ކަމުގެ ވައުދު ވެވަޑައިގެންފަ އެވެ. "އެ މަސައްކަތް [ތެޔޮ ހުރިތޯ ބެލުން] ރާއްޖޭގައި ކުރި އިރު ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ހުރީ 20 ޑޮލަރުގައި. އެހެންކަމުން އޭރު ރާއްޖޭގެ ފުން ކަނޑުތަކުން ތެޔޮ ހޯދައިފި ނަމަ ޚަރަދު ވަރަށް ބޮޑުވެގެންދާނެ. އެ އަގުގައި ތެލުގެ އަގު ހުރުމުން ހަރަދުގެ ގޮތުން އޭރު އެކަން ކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވި. މިއަދު ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ހުރީ 125 ޑޮލަރަށް، އެހެންވީމާ މިއީ ފުރުސަތު އޮތް ކަމެއް،" ޔާމީން ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ތެޔޮ ހުރިތޯ ދައްކަވާ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަތަކަކީ އެއްވެސް އިލްމީ ދިރާސާއެއްގެ މައްޗަށް ބިނާކޮށްގެން ދައްކަވާ ވަހަކަތަކެއް ނޫން ކަމުގައި ސައުދު ވިދާޅުވި އެވެ. "ގިނަ ރައްޔިތުންނަށް ގަބޫލް ކުރެވިފައި އޮންނަނީ ތެޔޮނަގާ ގައުމުތަކަކީ މުއްސަންދި ގައުމުތަކެކޭ، ވަރަށް ބޮޑު ތަނަވަސް ކަމެއް ލިބިފައި އެބައޮވޭ އެކަމުގެ ސަބަބުން، ތެލުގެ ވާހަކަ ދެއްކުމަކީ ރާއްޖޭގެ ގިނަ ބައެއްގެ ސަމާލު ކަމެއް ދަމައިގަނެވޭނެ ކަމެއް، ނަމަވެސް ރާއްޖޭގައި ތެޔޮ ހުރެދާނެ ކަމުގެ އަސަރުތައް ފެންނަން އޮތް ނަމަވެސް ރާއްޖޭގެ އިގުތިސާދީ ގޮތުން ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ގޮތަކަށް އިލްމީ ދިރާސާތަކެއް ކުރެވިގެނެއް ނޫން އެ ވާހަކަތައް އެ ދައްކަވަނީ، ހަމައެކަނި އުއްމީދެއް އެއީ. އެހެންވެ ކޮންމެ ކެންޑިޑޭޓަކު ވެސް އެވާހަތައް އެ ދައްކަވަނީ ކޮއްދެވުނަސް ނުކޮށްދެވުނަސް އާ ވާހަކަތަކެއް ދައްކައި ރައްޔިތުންގެ ސަމާލުކަން ހޯދުން،" ސައުދު ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް ކެންޕެއިންނާ ދިމާކޮށް ކެނޑިޑޭޓުން ކުރި މަގަށް ނުވިސްނައި އެއްވެސް ޕްލޭނެއް ނެތި ގިނަ ވައުދުތަކެއް ވަމުން ގެންދަވާއިރު އޭގެތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ވެފައިވާ ވައުދުތަކުން ފެށިގެން ރައީސް ނަޝީދުގެ ސަރުކާރުން ވެސް ވަނީ ވެފައިވާ ވައުދުތަކެއް ފުއްދުމުގައި ނާކާމިޔާބު ވެވަޑައިގެންފަ އެވެ. ވައުދުތައް ވެވަޑައިގެންނެވުމުގެ ކުރިން މިއިން އެއްވެސް ބޭފުޅަކު ރާއްޖޭގެ އިގްތިސާދާ މެދު ކުޑަކޮށް ވެސް ނުވިސްނަވާ ކަހަލަ އެވެ.
ރިޔާސީ އިންތިހާބުގައި ނުކުމެ އެ އިންތިހާބް ކާމިޔާބް ކުރެއްވުމުގެ ޖޯޝުގައި ކެންޑިޑޭޓުން ދައްކާ ހުރިހާ ވާހަކަތަކަކީ މިއަދު ރައްޔިތުން ބަލައިގެންނާނެ އެއްޗަކަށް ނުވާއިރު އޭގެ ތެރެއިން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުގައި ކުރެވިދާނެ އަދި ގައުމުގެ އިގުތިސާދަށާއި ރައްޔިތުންގެ ތަރައްގީއާ މަންފާ ނުކުމެ ދާނެ ބައެއް ވާހަކަތައް ވެސް ހުރި ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ނަމަވެސް އެކަންތައް ކުރެވޭނެ ހަމައެކަނި އޮތް ގޮތަކަކީ ބޭރުގެ ބޭންކްތަކަށް ރާއްޖޭ ދަރާ ނުވިކި ދުރާލާ ވިސްނައިގެން ފްލޭން ކުރެވިގެން ދިރާސާތަކެއްގެ މައްޗަށް ޕްލޭންތަކެއް ކުރެވިގެން ކޮށްފިނަމަ ފައިދާ ކުރާނެ ކަންކަމަކަށް ވެގެންދާނެ އެވެ. އެހެން ކަމުގައިވާއިރު ރިޔާސީ އިންތިހާބުގެ ރައްޔިތުންގެ ކުރިމައްޗަށް ނުކުނެވަޑައިގެންނަވާ ކެންޑިޑޭޓުންގެ މެނިފެސްޓޯގައި އެފަދަ ވައުދުތަކެއް ހިމެނިގެން ނޫނީ ގައުމަށް މާބޮޑު ކުރިއެރުމެއް ނެތެވެ.