ދެ ވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އޭޕުރީލް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއިޒް ވިދާޅުވީ ހުޅުމާލޭގެ މަޝްރޫއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫއެއް ކަމަށާއި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ހުޅުމާލެއަކީ މުހިންމު މަޝްރޫއެއް ކަމަށާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަޝްރޫއު ފެއްޓުމަށް ހިއްކުމުގެ މަސައްކަތް މިއަންނަ އޭޕުރީލް މަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރައްވާނެ ކަމަށެވެ. އަދި މޭ މަހުގެ ތެރޭގައި އެ މަސައްކަތް ފެށި ޖުލައި މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މުއިޒު ވިދާޅުވި އެވެ.

"ހުޅުމާލޭ ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ވާނީ އެޗްޑީސީ އާ މިދިޔަ އަހަރުގެ ތެރޭގައި ހަވާލުކޮށްފައި. އެޗްޑީސީ އިން މިހާރު ވަނީ ބިޑިން ޕްރޮސެސް ކުރިއަށް ގެންގޮސް އެންވައިރަމެންޓަލް އެސެސްމަންޓް ވެސް މިހާރު ހަދާފައި. އެހެން ވީމާ އަޅުގަނޑުމެނަށް އުންމީދުކުރެވެނީ އޭޕުރީލް މަސްތެރޭގައި ބަޔަކާ މަސައްކަތް ހަވާލުކުރެވިގެންދާނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގެ ތަރައްގީ އަށް އަލިއަޅުވާލައްވައި ހައުސިން މިނިސްޓަރު ވިދާޅުވީ ހުޅުމާލެއަކީ މީހުން ދިރިއުޅޭ ރަށަކަށް ހަދަން ޖެހޭ ކަމަށާއި އެގޮތުން އެ ރަށުގައި ރަނގަޅު ސިއްހީ ހިދުމަތާއި ކޮމާޝައަލް ހިދުމަތްތަކުގެ އިތުރުން ސުކޫލްތައް ހަދަން ޖެހޭ ކަމަށެވެ. އަދި އެކަންތައްތައް މަޑުމަޑުން ކުރައްވަމުން އަންނަ ކަމަށާއި މަޝްރޫއުތައް ލަސްވަނީ ވިޔަފާރި ބޭނުންތަކަށް ބިން ނަގާފައި ހުރި ފަރާތްތަކުން ވެސް ވަކިވަރެއްގެ އާބާދީއެއް އެ ރަށަށް ނާންނަނީސް އެ މަސައްކަތް ކުރަން ބޭނުން ނުވުން ކަމަށެވެ.

"ފޭސް ވަން އަށް ބަލާ އިރު ޗައިނީސްގެ 1000 ފުލެޓް ހަވާލުވެގެން ދިޔައީމާ ދާނެ ފުދޭވަރެއްގެ ގިނަ މީހުން. އަނެއްކާ ގިނަ މަޝްރޫއޫތައް ވެސް ހުންނާނެ. މީހުން ދާވަރަކުން ކޮމާޝައަލް ޑިވެލޮޕްމެންޓް ވެސް އަންނާނީ. ހެލްތު މިނިސްޓްރީ އިން ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ބޭރުގެ އެހީ ހޯދައިގެން ކުރިއަށް ގެންދެވޭތޯ އެބައުޅޭ،" މިނިސްޓަރު މުއިޒް ވިދާޅުވި އެވެ.

އެޗްޑީއެފްސީ އިން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ހިއްކުމުގެ ޕްރީ ބިޑް މީޓީންގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޭރުގެ ހަ ފަރާތުގެ ތެރެއިން ހަތަރު ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މަޝްރޫއަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ހުޅުމާލެ ހިއްކުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަ ކުންފުނީގެ ތެރޭގައި ރާއްޖޭގެ އެކިއެކި ރަށްރަށް ހިއްކާފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކުންފުނި، ބޮސްކާލިސް ވެސް ހިމެނޭ ކަމަށެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 230 ހެކްޓަރުގެ އެވެ. އެއީ 100000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެކެވެ. ފުރަތަމަ ފިޔަވަހީގައި 60،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށް 188 ހެކްޓަރުގެ ބިން ހިއްކާފައިވާ އިރު އޭގެ ތެރެއިން 20000 އަށް ވުރެ ގިނަ މީހުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށް އެޗްޑީސީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.