ސަރުކާރާ ބައިޔަތު ހިފާފައިވާ އަށް ޕާޓީގެ ތެރޭގައި ހިމެނޭ ގައުމީ ޕާޓީން ހަފުތާއެއްގެ ތެރޭގައި ހާހަކަށް ވުރެ ގިނަ މެންބަރުން ވަކިވެ، އެ ޕާޓީގެ މެންބަރުންގެ އަދަދު ދެ ހާހަށް ތިރިވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުން މިދިޔަ މަހުގެ 20 އިން 27 އަށް ގައުމީ ޕާޓީން ވަނީ 1119 މެންބަރުން ވަކިވެފަ އެވެ. މި އަހަރު ފެށުނު އިރު އެ ޕާޓީގެ މެންބަރުންގެ އަދަދު އުޅެނީ 3218 ގަ އެވެ. ނަމަވެސް މިހާރު އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 2099 އެކެވެ.

ނަމަވެސް އޭގެ ދެ ދުވަސް ފަހުން، މިދިޔަ ހޮނިހިރު ދުވަހު ޕާޓީތަކުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން އަޕްޑޭޓް ކުރި އިރު ގައުމީ ޕާޓީގެ މެންބަރުންގެ އަދަދަށް ބަދަލެއް ނާދަ އެވެ. ވޭތުވެދި ދެ ހަފްތާ ތެރޭގައި މެންބަރުން އަދަދު ދެން މަދުވެފައި ވަނީ ޑީއާރްޕީންނެވެ. އެ ޕާޓީން 63 މެންބަރުން މަދުވެފައިވާ އިރު، އެމްޑީޕީން ވަނީ 20 މެންބަރުން މަދުވެފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް 10 މެންބަރުން މަދުވެފައިވެ އެވެ. އަދި ޕީޕީއެމުން ވަނީ އަށް މެންބަރުން މަދުވެފަ އެވެ.

ޕާޓީތަކުގެ މެންބަރުންގެ އަދަދުގެ 46000ގެ ރެކޯޑާ އެކު އެމްޑީޕީ ކުރީގައި އޮތް އިރު، ދެވަނަގައި އޮތީ ޕީޕީއެމް އެވެ. ތިންސަތޭކަ ވަަރަކަށް މެންބަރުންގެ ފަރަގުން ޕީޕީއެމްއާއި ޑީއާރްޕީ އުޅެނީ ވަރަށް ކައިރީގަ އެވެ. ޕީޕީއެމްގައި 22793 މެންބަރުން ތިބި އިރު، ޑީއާރްޕީގައި ތިބީ 22501 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު އެންމެ ގިނައިން ފައިސާ ލިބޭ އެމްޑީޕީ އަށެވެ. އެމްޑީޕީ އަށް 3.6 މިލިއަން ރުފިޔާ ލިބެ އެވެ. ދެވަނަ އަށް ޕީޕީއެމް އަށް 1.98 މިލިއަން ރުފިޔާ ލިބޭ އިރު ޑީއާރްޕީ އަށް ލިބެނީ 1.9 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީ އަށް 1.2 މިލިއަން ރުފިޔާ ލިބޭ އިރު އަދާލަތު ޕާޓީ އަށް ލިބެނީ 794000ރ. އެވެ. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީ އަށް 608000ރ. ލިބޭ އިރު އެމްޑީއޭ އަށް ލިބެނީ 624000ރ. އެވެ. އަދި ދިވެހި ގައުމީ ޕާޓީ އަށް 529000ރ. ލިބޭ އިރު އެމްއެންސީ އަށް ލިބެނީ 478000ރ. އެވެ.

ރާއްޖޭގައި 16 ސިޔާސީ ޕާޓީ އޮތް އިރު އަނެއްކާވެސް ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސްގައި އެދިފަ އެވެ. އެއީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފަޔާޒް (އެފްއޭ) އިސްކޮށް ހުންނަވައިގެން އުފައްދަވަން އުޅުއްވާ ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް (އެންއައިއޭ) އެވެ.