05 Feb 2013, 08:35
ހުޅުމާލޭގައި ހަތަރު އަނގޮޅި ބެދޭ ކަންމައްޗެއްގައި ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝލު ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭ ފަތިހު 4:40 އެހާކަންހާ އިރު ހުޅުމާލޭ ބޮޑުމަގު، ހިތިގަސްމަގާއި ހުނވަދުމާހިނގުން ގުޅޭ ހަތަރު ހަތަރު އަނގޮޅި ކަންމަތީން ޕޭމަންޓް މަތީގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ މ. މާކަރީ، މުހައްމަދު ޝަހުދު ނާޒިމު، 19، ކަމަށެވެ.
ޝަހުދު މަރުވި ސަބަބު ބަޔާންކޮށް ޑޮކްޓަރު ދީފައިވާ މަރު ސާބިތުކުރި ލިޔުމުގައި ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހިތާއި ފުއްޕާމޭގެ ހިނގުން ހުއްޓިގެން ކަމަށެވެ. ނަމަވެސް ހިތާއި ފުއްޕާމޭގެ ހިނގުން ހުއްޓެން ދިމާވި ސަބަބެއް އެ ލިޔުމުގައި ބުނެފައެއް ނުވެ އެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި އޮތް ސަރަހައްދުގައި މަސްތުގެ ހާލުގައި ތިބި އިތުރު ދެ މީހަކު ވެސް ތިބި ކަމަށާއި އެ ދެ މީހުން ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެއީ ކޮން ބައެއް ކަމާއި އެ މީހުންގެ ވަނަވަރެއް ފުލުހުން ނުބުނެ އެވެ.