04 Feb 2013, 23:53
ޔޫތު ޗެމްޕިއަންޝިޕުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުން ބޮޑު ތަފާތަކުން މަހިބަދޫ ބަލިކޮށް ނިއުރޭޑިއެންޓް ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ފޯރިގަދަ މެޗު ނިއުރޭޑިއެންޓުން ކާމިޔާބު ކުރީ ހަތަރު ލަނޑު ސުންލަނޑުގެ ތަފާތަކުންނެވެ.
މެޗުގައި ނިއުއަށް މަހިބަދޫ ޓީމުގެ ގޯލް ހުޅުވާލަދިނީ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓުގައި ހަސަން މުއާން އެވެ. އަދި ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުތެރޭގައި ލިބުނު ޕެނަލްޓީއަކުން ނިއުއަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އޭވައިއެލް އިން އެޓީމާއި މިސީޒަންގައި ގުޅުނު ހުނަރުވެރި ފޯވަޑް މޫސާ ޔާމިން އެވެ.
މެޗުގެ 55 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ނިއުގެ ލީޑު އިތުރަށް ފުޅާކޮށް ދިނީ އަބްދުﷲ ޒިހާމް އެވެ. އަދި 72 ވަނަ މިނިޓުގައި ޔާމީން ވަނީ އޭނާ މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑާ އެކު ނިއުގެ ލީޑު ހަތަރަކަށް ފުޅާ ކޮށްދީފަ އެވެ.
މަހިބަދޫ ޓީމުން ހިތްވަރާއެކު ކުޅެމުން ގެންދިޔަ ނަމަވެސް ނިއުއިން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ މެޗު ނިމުނީ ހަތަރެއް ސުމަކުން ނިއު މެޗު ކާމިޔާބު ކޮށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްގެންނެވެ.
ކުއާޓާ ފައިނަލުގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު 16:05ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ކުލަބް އީގަލްސް އާއި ވީބީ އައްޑޫ އެފްސީ އެވެ.