ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެ ގައުމުން އަދާ ކުރަނީ ވަރަށް ފުރިހަމަ މެހުމާންދާރީއެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ ގައުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ސްރީލަންކާގެ 65 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މޫކައި ހޮޓަލުގައި މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެ ގައުމުން އަދާ ކުރަނީ ރަނގަޅު މެހުމާންދާރީއެއް ކަމަށާއި ބޭސްފަރުވާއަށް އެ ގައުމަށް ދަތުރު ކުރާ ދިވެހީން އިތުރު ވަމުން ދާ ކަމަށެވެ.

"ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ، އެފަރާތްތަކަށް އެ ގައުމުން އަދާ ކުރަނީ ވަރަށް ރަނގަޅު މެހުމާންދާރީއެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައި ދިނުން ފުރަތަމަ ފެށުމަށް ޓަކައި ރާއްޖެ އައި ފުރަތަމަ ބިދޭސީ ޓީޗަރުން ރާއްޖެ އައީ ވެސް ސްރީލަންކާއިން ކަން ރައީސް ވަހީދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި އިނގިރޭސި މީޑިއަމްގެ ތައުލީމު ފުރަތަމަ ފެށުމަށް ޓަކައި ސްރީލަންކާގެ ޓީޗަރުން ފުރަތަމަ ރާއްޖެއައީ މީގެ 53 އަހަރު ކުރިން، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ދިޔައީ ކުރިއަށް، " ރައީސް ވަހީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ލަންކާގެ ތަޖުރިބާގެ ބޭނުން ވަރަށް ބޮޑަށް ކޮށްފައި ވާ ކަމަށެވެ.

ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އިނގިރޭސި އިސްތިއުމާރުގެ ދަށުން އެގައުމަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަސް ކަމަށް ވާ، ފެބުރުވަރީ މަހުގެ ހަތަރު ވަނަ ދުވަހެވެ. އެގައުމަށް މިނިވަން ކަން ލިބުނީ 1948 ވަނަ އަހަރުއެވެ.

ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކަމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ރާއްޖޭގައި ހުންނަވާ ސްރީލަންކާގެ ހައިކޮމިޝަނަރު ޑިކްސަން ދާދާ ބައިވެރިވަޑައިގެންނެވިއެވެ.