07 Oct 2010, 10:05
ފަނޑިޔާރަކު އެހެން ކޯޓެއްގައި ޝަރީއަތް ކުރުމުގެ އުސޫލުތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ ފަނޑިޔާރަކު ހުންނަވާ ކޯޓު ފިޔަވައި އެހެން ކޯޓެއްގައި ވަގުތީ ގޮތުން ޝަރީއަތް ކުރުމުގެ އުސޫލުތަކެއް ކަނޑައެޅީ ފަނޑިޔާރުންގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ވަގުތީ ގޮތުން ފަނޑިޔާރަކާ ދާއިރާ ހަވާލު ކުރެވޭނީ ޖޭއެއްސީއަށް ކަމަށްވާތީ ކަމަށެވެ.
ޖޭއެސްސީން ބުނީ ވަގުތީ ގޮތުން ދާއިރާއެއް ހަވާލުވާ ފަނޑިޔާރުގެ ޒިންމާ އާއި މަސްއޫލިއްޔަތު ކުރިން އޮންނަ ގޮތަށްވުރެ މި އުސޫލުގެ ސަބަބުން ހަރުދަނާ ވާނެ ކަމަށާއި މިއުސޫލަށް އަމަލުކުރަން ފެށުމުން މިހާރު ކޯޓުތަކުގެ ދާއިރާ ހަވާލު ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވާނެ ކަމަށެވެ.
ޖޭއެސްސީން ބުނީ މި އާ އުސޫލަށް އަމަލުކުރަން ފެށި ނަމަވެސް ކޯޓުތަކުގެ ގާނޫނުގައި ބުނާ ޖުޑީޝަލް ކައުންސިލް އުފެދުމުން މި އުސޫލު އަލުން ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ.