2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ހަތްވަނަ ދުވަހު އޭރު ހުންނެވި ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުގެ ސަބަބުން ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އަނބުރާ ލިބިފައިވާތީ އެކަން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވާން ތައްޔާރު ވަމުން އަންނަ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕިޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ބޮޑު ހިއްސާއަކާ އެކު ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ގެކޮޅަށް ވަޑައިގަތުމުގެ ސަބަބުން ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އަނބުރާ ލިބިފައިވާތީ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ޕީޕީއެމުން ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގެ ސްޓޭޖް ކައިރީގައި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެސް ފެބުރުވަރީ ހަތަކުން އިބްރަތް ހާސިލް ކުރާން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންނަށާއި އިސްލާމް ދީނަށް އެއްވެސް ދެރައެއް އުނިކަމެއް ނުލިބޭނެ ގޮތަކަށް ތެދުވެރިކަމާއި އިންސާފުވެރި ކަމާ އެކު ވެރިކަން ކުރައްވާން ޖެހޭ ކަމަށެވެ.

"މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާން ތިއްބެވި ބޭފުޅުން ވެސް އެކަންކަމުން އިބްރަތް ހާސިލް ކުރާން ޖެހޭ. ރައްޔިތުންނަށާއި ގައުމަށާއި އިސްލާމް ދީނަށް އެއްވެސް ދެރައެއް ނުލިބޭނެ ގޮތަކަށް އަމަލު ކުރައްވާން އަޅުގަނޑު ގޮވައިލަން. އެ ދުވަސް ވެސް އަޅުގަނޑުމެންނަށް ކުރިމަތިވީ އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދު ހިންގެވި ގައިރު ގާނޫނީ އެތައް ކަންތައްތަކެއްގެ ސަބަބުން. އަޅުގަނޑުމެންގެ ދީން ފުނޑުފުނޑު ކޮށްލާން މަސައްކަތް ކުރެއްވުމުގެ ސަބަބުން،" މަހްލޫފް ވިދާޅުވިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބާއްވާން ތައްޔާރު ވަމުން އަންނަ ޖަލްސާ އަކީ ވަރަށް ޚާއްސަ ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި އެ ޕާޓީގެ އިސް ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.