04 Feb 2013, 20:04
ވޭތުވެދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ ފަހު ތިން މަހަށް ވުރެ 300 މިލިޔަން ރުފިޔާ އިތުރު ކަމަށް މީރާ އިން މިއަދު ހާމަކުރި ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން މިއަދު އާންމުކުރި ރިޕޯޓުގައި ވާގޮތުން 2012 ވަނަ އަހަރުގެ ފަހު ކުއާޓާގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ދެ ހާސް އެގާރަ ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހު ދައުލަތަށް ލިބިފައި ވަނީ 1.2 ބިލިޔަން ރުފިޔާ އެވެ. އެހެން ކަމުން ފައިބެ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޑިސެމްބަރާ ހަމަ އަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރުގެ ފަހު ތިންމަހާ އަޅާ ބަލާއިރު 25.6 ޕަސެންޓް ކުރިއަށް ޖެހިފައި ކަމަށް މީރާގެ ރިޕޯޓުން ދައްކަ އެވެ.
ހުސްވި އަހަރުގެ ފަހު ކުއާޓާގައި ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް (ބީޕީޓީ އާއި ޖީއެސްޓީ)ގެ ގޮތުގައި ލިބިފައިވާ ފައިސާ އެވެ. އެގޮތުން 2011 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާއާއި އަޅާކިޔާ އިރު 2012 ވަނަ އަހަރުގެ ފަހު ކުއާޓާގައި ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ 26.1 ރުފިޔާ އިން 76.7 މިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ. އެއީ 193.4 ޕަސެންޓް ކުރި އެރުމެކެވެ. ހަމަ އެކަނި ޖީއެސްޓީ އިން ލިބުނު އާމްދަނީ ވަނީ 101.5 ޕަސެންޓް ކުރިއެރުމެއް ހޯދައިފައިވެ އެވެ.
ޓެކްސްގެ ގޮތުގައި ލިބުނު 57.3 މިލިޔަން ރުފިޔާގެ އާމްދަނީގެ ތެރޭގައި ބޭންކް ޕްރޮފިޓް ޓެކްސް އާއި ލޭންޑް ސޭލްސް ޓެކްސް އާއި އަދި ދައުލަތުގެ މުދާ ވިއްކައިގެން ލިބުނު އާމްދަނީ ވެސް ހިމެނެ އެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި ހުސްވި އަހަރުގެ ފަހު ކުއާޓާގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދު 1.4 ބިލިޔަން ރުފިޔާ އަށް ވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެއް ދައުލަތަށް ވަނީ ލިބިފަ އެވެ.
ހުސްވި އަހަރުގެ ފަހު ކުއާޓާގައި ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކޮށްފައި ވަނީ، ޖީއެސްޓީގެ ގޮތުގައި 45 ޕަސެންޓް، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރެވިފައިވާ ރަށްތަކުގެ ކުއްޔަށް 18.3 ޕަސެންޓް، އަދި ޓޫރިޒަމް ޓެކްސްގެ ގޮތުގައި 13.6 ޕަސެންޓެވެ.
ނިމިދިޔަ ކުއާޓާގައި ދައުލަތަށް ލިބުނު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީގެ 65.1 ޕަސެންޓް އާމްދަނީ ލިބިފައި ވަނީ ޑޮލަރުގެ ގޮތުގަ އެވެ. އެގޮތުން އެ ކުއާޓާގައި 61.4 މިލިޔަން ޑޮލަރު ދައުލަތުގެ ހަޒާނާ އަށް ވަދެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.
އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީގެ ގޮތުގައި 41.3 ޕަސެންޓް، ރިސޯޓު ކުލީގެ ގޮތުގައި 28 ޕަސެންޓް، ޓޫރިޒަމް ޓެކްސްގެ ގޮތުގައި 21 ޕަސެންޓް، އެއާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 5.9 ޕަސެންޓާއި ރޯޔަލިޓީސްގެ ގޮތުގައި 1.6 ޕަސެންޓް ލިބިފައިވާ އިރު އެހެނިހެން ގޮތްގޮތުން 2.3 ޕަސެންޓް ވަނީ ލިބިފަ އެވެ.
މީރާގެ ހިސާބުތަކުން ދައްކާގޮތުގައި 2011 ވަނަ އަހަރާ އަޅާ ކިޔާއިރު 2012 ވަނަ އަހަރު ދައުލަތުގެ ޖުމުލަ އާމްދަނީ އަށް ވަނީ 56.7 ޕަސެންޓް (4.5 ބިލިޔަން ރުފިޔާ އިން 7.2 ބިލިޔަން ރުފިޔާ އަށް) ކުރިއަރައިފަ އެވެ. އާމްދަނީ އަށް އެ ކުރިއެރުމެއް ލިބިފައި ވަނީ، 2011 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި ނަގަމުން އައި 3.5 އިންސައްތަ ހަ ޕަސެންޓަަށް އައިތުރު ކުރުމުންނާއި އަދި 2012 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓުގެ ސަބަބުން ނެވެ.
ދައުލަތުގެ އާމްދަނީގެ ގޮތުގައި 2012 ވަނަ އަހަރު ލިބިފައިވާ އަދަދަކީ ލަފާކުރި އަދަދަށް ވުރެ 0.8 ޕަސެންޓް އިތުރު އަދަދެކެވެ. ކުރިން ލިބޭނޭ ކަމަށް ލަފާކޮށްފައިވާ އަދަދަކީ 7.1 ބިލިޔަން ރުފިޔާ އެވެ.