ސިކުނޑި ރަނގަޅަށް ނުއުފެދޭތީ ބަނޑަށް ފަސް މަހުގައި މިދިޔަ މަހު އަންހެނެއް ވިއްސުމުގައި ހަރަކާތްތެރިވި އައީޖީއެމްއެޗްގެ ޑޮކްޓަރެއްގެ ފޮޓޯ ރާއްޖެ ޓީވީން އާއްމުކުރި މައްސަލައެއް ބަލައިދިނުމަށް އެދި އައިޖީއެމްއެޗުން މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.

ގއ. ދެއްވަދު އަށް އުފަން އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އޭނާގެ ބަޑުގައި އޮތް ދަރިފުޅުގެ ބޮލުގެ ނާސިގަނޑު ނެތުމުގެ ސަބަބުން ސިކުނޑި ރަނގަޅަށް ނުއުފެދޭތީވެ މައިމީހާގެ ފުރާނައަށް ނުރައްކަލެއް ވެދާނެ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުގެ އިރުޝާދުގެ މަތިން މާލެ އައުމަށް ފަހުގަ އެވެ. އަދި އެ އަންހެން މީހާގެ ބަނޑަށް ފަސް މަހުގައި ވިއްސާފައި ވަނީ ސިނކުޑި ނުއުފެދޭތީ ދުނިޔެ އަށް އައިސް އެ ކުއްޖާ ދިރިހުންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފަަައިވާތީ އެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ ސިނކުޑި ރަނގަޅަށް ނުއުފެދޭތީ ބަނޑަށް ފަސް މަހުގައި އެބޯޓްކުރި ކުއްޖާގެ މައްސަލަ އައިޖީއެމްއެޗުން ތަހުގީގު ކުރަމުން ދަނިކޮށް، އެ ކުއްޖާ ވިއްސުމުގައި ހަރަކާތްތެރިވި ޑޮކްޓަރެއްގެ ފޮޓޯ އެ ޑޮކްޓަރުގެ ވެސް އަދި ހޮސްޕިޓަލްގެ ހުއްދައެއް ނެތި ޕޭޝަންޓުގެ އާއިލާގެ މީހުން ހޮސްޕިޓަލްގެ ތެރެއަށް ވަދެ ނަގާފައިވާ ކަމަށް އެ ކައުންސިލަށް ޝަކުވާ ހުށަޅާގފައިވާ ކަމަށެވެ. އަދި އެ ޑޮކްޓަރުގެ އަނބުރާއި ކަރާމާތަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ތިން ދުވަހު އެ ޑޮކްޓަރުގެ ފޮޓޯ ރާއްޖެ ޓީވީން ދައްކާފައި ވާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އައިޖީއެމްއެޗުން ހުށަހަޅާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އެ ޑޮކްޓަރުގެ ފޮޓޯ ރާއްޖެ ޓީވީ އިން އާންމު ކުރި މައްސަލަ ބަލައިދިނުމަށް އެދި ހޮސްޕިޓަލުން ހުށަހެޅުމާ ގުޅިގެން މީޑިއާ ކައުންސިލުން މިއަދު ވަނީ އެ މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.

ފަސް މަހުގައި އައިޖީއެމްއެޗްގައި ވިއްސި އެ ކުއްޖާގެ މައްސަލަ ބަލައިދިނުމަށް އެދި އާއިލާ އިން އައިޖީއެމްއެޗަށާއި ފުލުހުންނަށް ހުށަހެޅީ، އެ ކުއްޖާ މަރުވި ކަމަށް ޑޮކްޓަރުން ބުނުމާ ގުޅިގެން އާ ސަހަރާއަށް އެކުއްޖާ ވަޅުލާން ގެންގޮސްފައިވަނިކޮށް، މަރުނުވާކަން އެނގިގެންނެވެ. އެ ކުއްޖާ މަރުވެފައި ވަނީ އާ ސަހަރާ އިން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ.

އެކަމާ ގުޅިގެން ރާއްޖޭ ޓީވީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.