މިނިވަން ނިއުސް ވެބްސައިޓުގައި މާތްﷲގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔެފައިވާ ކަމަށް ބުނާ ކޮމެންޓްތައް އެ ވެބްސައިޓުން ނަގައި، އެފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން އެ ނޫހުން ދީފައިވާ ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ) މިއަދު ބުނެފި އެވެ.

އެމްއެމްސީ އިން ބުނީ އިސްލާމިކް އެފެއާޒު މިނިސްޓްރީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިނިވަން ނިއުސް ވެބްސައިޓުގައި މާތްﷲގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ޝާއިރު ކުރި ކޮމެންޓްތަކާ ގުޅިގެން މިނިވަން ނިއުސްއިން އިސްލާހީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން ހުށަހެޅި މައްސަލާގައި މިނިވަން ނިއުސްގެ ވެރިފަރާތާއި ސުވާލު ކުރުމުން އެ ކޮމެންޓުތައް ވެބްސައިޓުން ނަގާފައިވާ ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާނު ނުވާނެ ކަމުގެ ޔަގީންކަން ދިނުމުން އެ މައްސަލަ ހުށަހެޅި ފަރާތަށް އެންގި ކަމަށެވެ.

"އިތުރަށް އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން މިނިވަން ނިއުސްއިން މިކައުންސިލަށް ދީފައިވުމުން އެ މައްސަލާގައި މިނިވަން ނިއުސްއިން އިސްލާހި ފިޔަވަޅު އަޅާފައިވާ ކަމަށް މި ކައުންސިލުން ގަބޫލު ކުރިކަން މައްސަލަ ހުށަހެޅި ފަރާތަށް އެންގީމެވެ،" މީޑިއާ ކައުންސިލުގެ މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

މާތްﷲގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް މިނިވަން ނިއުސްގައި ކޮމެންޓް ޝާއިރު ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން އެމްއެމްސީ އަށް ހުށަހެޅި އިރު، އެ ކޮމެންޓުތައް ވަނީ އެ ވެބްސައިޓުން ނަގައިފަ އެވެ.

ނަމަވެސް އެމްއެމްސީ އިން އެ މައްސަލަ ތަހުގީގު ކުރިއިރު އެ އޮންލައިން ނޫހުގެ އެޑިޓަރާ މެދު ގާނޫނީ ސުވާލުތަކެއް އުފެނު ކަމަށް އެމްއެމްސީ ބުންޏެވެ. އަދި އިންފޮމޭޝަން ޑިޕާޓްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ނޫހުގެ އެޑިޓަރު، ގ. ކެނެރީގޭ ނާޒިމް އަބްދުއްސަތާރު އެ ކައުންސިލަށް ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެ ނޫހަކީ އޭނާގެ އެޑިޓަރުގެ ދަށުން ނުކުންނަމުން އަންނަ ނޫހެއް ނޫން ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

އެމްއެމްސީން ބުނީ އެ މައްސަލާގައި މިނިވަން ނިއުސްގެ އެޑިޓަރުގެ މައްސަލަ ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއަށް ފައްތަން ޖެހޭނެ ކަމަށް ކައުންސިލަށް ގަބޫލު ކުރެވޭތީ އެކަން ކުރުމަށް މިނިވަން ނިއުސްގެ ވެރިތަރާތަށް އަންގާފައިވާ ކަމަށެވެ.