ސައްޚަނޫން ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ދެ އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ގދ. ގައްދޫ ހަވީރުގޭ މުޙައްމަދު ސިރާޖުގެ މައްޗަށެވެ.

އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ހިންގުމަށް ފަހު ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ 2010 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތިނަ ވަނަ ދުވަހުގެ ވަގުތެއްގައި ސައްޚަނޫން ގޯލްޑް މާސްޓާ ކާޑެއް ބޭނުންކޮށްގެން ފަރީދީމަގުގައި ހުންނަ އޯލް ސިގްނަލް ފިހާރައިން 18500ރ.ގެ އެޕަލް ބްރޭންޑްގެ ލެޕްޓޮޕެއް އޭނާ ގަނެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ލެޕްޓޮޕް ގަތުމުގެ އިތުރަށް ހަމަ އެ މަހުގެ ތެރޭގައި ސައްޚަ ނޫން ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ކްލިކް ކޮމްޕިއުޓާސް ފިހާރައިންނާއި ކޮމްޕިއުޓާ ޕްލަސް ފިހާރައިންނާއި އަދި މެކްސްކޮމް ފިހާރައިން ވިޔަފާރިކުރަން އުޅެފައިވާކަން ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.