ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ދެވަނަ އަޑުއެހުން ތާވަލު ކޮށްފި އެވެ.

ޖުޑީޝަރީގެ އޮފިޝަލަކު ވިދާޅުވީ ނަޝީދުގެ ޝަރީއަތް ޝެޑިއުލް ކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 އަށް ކަމަށެވެ.

އާދީއްތަ ދުވަހަށް ޝަރީއަތް ޝެޑިއުލް ކޮށްފައި ވާ އިރު މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅު ވާ ކަމަށް ވިދާޅުވެ ނަޝީދު އެދިވަޑައިގަތުމުން ހުޅުމާލޭ ކޯޓުން ވަނީ ބޭރަށް ވަޑައިގަތުމުގެ ހުއްދަ އެމަނިކުފާނަށް ދީފަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ނަޝީދު ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ.