04 Feb 2013, 17:43
ފަސް މިލިޔަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ މާލީ ހިސާބުތައް އޮޑިޓް ނުކުރާ ގޮތަށް މޯލްޑިވްސް އިންލޭންޑް އޮތޯރިޓީން ހަމަޖައްސައިފި އެވެ.
މީރާ އިން މިދިޔަ މަހު ނެރުނު ޓެކްސް ރޫލިންއެއްގައި ބުނެފައިވާ ގޮތުގައި ފަސް މިލިޔަނަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ބަޔާނާ އެކު މާލީ ހިސާބުތައް އޮޑިޓްކުރި އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭނެ ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.
"މިފަދަ ބަދަލެއް ޓެކްސް ރޫލިން މެދުވެރިކޮށް ގެނައުމުގެ މަގުސަދަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުން،" މީރާގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ފަސް މިލިޔަން ރުފިޔާ އިން މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމަށް ވެސް އެއޮތޯރިޓީން ވަނީ ނިންމައިފަ އެވެ. އެގޮތުން އެފަދަ ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމުގައި "އެކްރުއަލް ބޭސިސް"ގެ ބަދަލުގައި "ކޭސް ބޭސިސް" އިހުތިޔާރު ކުރެވިދާނެ ކަމަަށާއި ކޭސް ބޭސިސް އިތުތިޔާރުކޮށްފި ނަމަ ޓެކްސް ބަޔާނާ އެކު ހުށަހަޅަން ޖެހޭނީ ހަމައެކަނި އިންކަމް ސްޓޭޓްމަންޓާއި އެއާ ގުޅޭ ނޯސްޓް ކަމަށް ކަމަށް ވެސް މީރާއިން ވަނީ ބުންޏެވެ.
އަލަށް ނެރެފައިވާ ޓެކްސް ރޫލިންގައި ދައްކާ ގޮތުން ޓެކްސްދައްކާ ފަރާތްތަކުން މާލީ ހިސާބުތައް ހުށަހަޅަން ޖެހޭ ގޮތާއި އޮޑިޓަރުން އައްޔަންކުރާނެ ގޮތުގެ ތަފްސީލް އަދި އޮޑިޓަރުން މީރާގައި ރަޖިސްްޓްރީ ކުރުމުގައި ބަލާނެ މިންގަނޑުތައް ވެސް ވަނީ ހިމަނާފަ އެވެ.
ެއެގޮތުން އޮޑިޓަރުން އައްޔަން ކުރުމަށް މިހާތަނަށް މީރާ އިން އަމަލު ކުރަމުން ގެންދިޔަ ގަވާއިދުގެ ދަށުން އޮޑިޓަރުންގެ ތެރެއިން "ސީ" އަދި "ޑީ" ކެޓަގަރީއަށް އައްޔަންކޮށްފައިވާ އޮޑިޓަރުންގެ ރަޖިސްޓްރީ ބާތިލްްވާނެ ކަމަށާއި އަލުން ރަޖިސްޓްރީ ކުރުމަށް އެދޭ އޮޑިޓަރުންނަށް އާ ރަޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރެވޭނެ ކަމަށް ވެސް މީރާގެ އެ ގަވާއިދު ބުނެފައިވެ އެވެ.