04 Feb 2013, 17:40
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހުކުމާ އެއްގޮތަށް އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް ނޯންނާނެ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ޓީމުން ބުނެފި އެވެ.
އާޒިމާއި ނާޝިޒު މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ގާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ ބޭފުޅުންގެ ގާނޫނީ ޓީމުން ބުނީ ކުރީގެ މަދަނީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 12 މަސް ދުވަހުގެ ތޭރޭގައި، ހުކުމުގައި ދައްކަން ބުނެފައިވާ ފައިސާ ދެއްކުމަށާއި އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ ރަހުނު ވިއްކާލައިގެން ދަރަނި އަދާކުރުމަށް ކަމަށެވެ.
ވަކީލުންގެ ޓީމުން ބުނީ ރަހުނާ މެދު އަމަލުކުރާނެ ގޮތަކާ މެދު ބޭންކާއި އެ ދެ ބޭފުޅުންނާ އެކު އެއްބަސްވުމެއް ވެވިފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން ދައްކަން ޖެހޭ ދަރަންޏެއް ސިވިލް ކޯޓުގައި ނޯންނާނެ ކަމަށް ވެސް ވަކީލުންގެ ޓީމުން ބުންޏެވެ.
އާޒިމާއި ނާޝިޒުގެ ގާނޫނީ ޓީމުން ދެއްކި ވާހަކަތަކަށް ރައްދުދެއްވަމުން މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ މަދަނީ ކޯޓުން ހުކުމްކޮށްފައި ވަނީ ކޮންމެ މަހަކު ވެސް އެ މަހަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ދައްކަމުން ގޮސް 12 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްކުރުމަށް ކަމަށެވެ. އަދި ފައިސާ ދައްކާފައިނުވާ ކަމަށް އެ ދެ ބޭފުޅުންގެ ގާނޫނީ ޓީމުން ބުނެފައި ވާތީ ދަރަނި އަދާނުކުރާ ކަމަށް އެ ދެ ބޭފުޅުން އިއުތިރާފުވީ ކަމަށް ބެލެވޭނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އާޒިމާއި ނާޝިޒުގެ ގާނޫނީ ޓީމުން ބުނީ އެ ދެ ބޭފުޅުން ގެރެންޓީދީފައިވާ ލޯނަށް ފައިސާ ދެއްކުމަށް މަދަނީ ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދަށުކޯޓުގެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން އެއް އަހަރު ހަމަވާނީ މި މަހުގެ 27ގައި ކަމަށްވާތީ އެއީ ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުނުކުރީ ކަމަށް ނުބެލެވޭނެ ކަމަށް ވެސް ވަކީލުންގެ ޓީމުން ބުންޏެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނަނީ ސާބިތުދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެދަރަނި އަދާނުކުރާ ނަމަ މަޖިލީސް މެންބަރެއްގެ ގޮނޑިގެއްލޭނެ ކަމަށެވެ. އަދި އެކަން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައި ވަނީ ސުޕްރީމް ކޯޓަށެވެ.