ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރުމަށް ޓަކައި ކޮމެޓީން ހޮއްވާފައިވާ ޑެންމާކުގެ ގާނޫނީ މާހިރުންގެ ޓީމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެ، ރިޕޯޓް ނެރެފައިވާ ބައެއް ކަން ފަޅާއަރައިފި އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ކުރާ މަސައްކަތަކީ ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ތަހުގީގަކަށް ހެދުމަށް ޓަކައި ބޭރުގެ މާހިރުން ހޯދުމަށް މަޖިލީހުން ކުރި އިއުލާން ކުރިމަތިލީ ދެ ފަރާތުގެ ތެރެއިން ކޮމެޓީން ހޮވާފައި ވަނީ ޑެންމާކުގެ ގާނޫނީ ޕްރޮފެސަރެއްގެ ވަކީލުންގެ ޓީމެކެވެ. އެއީ އެސޯސިއޭޑެޓް ޕްރޮފެސާ އޮފް ޕަބްލިކް އިންޓަނޭޝަނަލް ލޯ، އަދި ޑައިރެކްޓާ އޮފް ސެންޓަ ފޯ އިންޓަނޭޝަލް ޖަސްޓިސް ކޯޕަންހޭގަންގެ ޔުނިވާސިޓީ އެންޑާޒް ހެންރިކްސަން އާއި ދެ ލޯޔަރުން ކަމަށްވާ އޮލޭސްޕިޔާމަން ކިޔާ ބޭފުޅަކާއި ތަސްމުންކީފާ ކިރިސްޓަންސަން ކިޔާ ލޯޔަރެކެވެ.

ޕްރޮފެސާ އެންޑާޒް ހެންރިކްސަންގެ ލޯޔަރުންގެ ޓީމުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތެއް ކަމަށް ކަނޑައަޅާފައި ވަނީ ރާއްޖޭގެ މީހުންނަށް ބައްދަލުކޮށް، އެ މީހުންގެ ފަރާތުން ލިބުނު ވީޑިއޯ އާއި ފޮޓޯތަކާއި މީޑިއާތަކުން ބަދަލުވި ގޮތާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓްތަކަށް ބުރަވެ އެވެ. "އެރެސްޓެޑް ޑިމޮކްރަސީ"ގެ ނަމުގައި ގާނޫނީ ޓީމުގެ ތަހުގީގީ ރިޕޯޓް ނެރެފައި ވަނީ ނަޝީދުގެ ވެރިކަން ބަދަލުވިތާ ފަސް މަސް ފަހުންނެވެ. މާލޭ ސިޓީ ކައުންސިލްގެ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރިޕޯޓް ރައީސް މުހައްމަދު ނަޝީދު ނެރެދެއްވާފައި ވެސްވެ އެވެ. އެ ރިޕޯޓް އެމްޑީޕީން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 22 ގަ އެވެ.

ކޮމެޓީ އަށް ހޮއްވެވި މާހިރުންނާ އެ މަސައްކަތެއް އަދި ހަވާލެއް ނުކުރެ އެވެ. ސަބަބެއް ކަމަށް މަޖިލީހުން ބުނެފައި ވަނީ އެ ބޭފުޅުންނަށް އުޖޫރަ ދިނުމަށް ބަޖެޓް ނެތުން ކަމަށެވެ.

ކޯނީގެ ދިރާސާއަށް ހޮއްވަވާފައިވާ މާހިރުންނާ ގުޅޭ ގޮތުން ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގެ މުގައްރިރު އަލީ ވަހީދަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ކޯނީގެ ދިރާސާއަށް ބޭރުގެ މާހިރުން ހޯދުމަށް މަޖިލީހުން ކުރި އިއުލާންނަށް އިޖާބަދީ ކުރިމަތިލީ ދެ ފަރާތުގެ ތެރެއިން އެންޑާޒް ހެންރިކްސަންގެ ޓީމު އިހްތިޔާރު ކުރި ސަބަބާ ގުޅޭ ގޮތުން އަލީ ވަހީދު ކުރިން ވިދާޅުވެފައި ވަނީ އެ ބޭފުޅުންގެ ގާބިލްކަން ބޮޑު ކަމަށެވެ. އެ ބޭފުޅުންނާ ވާދަ ކުރެއްވުމަށް ދެން ކުރިމަތިލެއްވި ފަރާތުގެ ވަނަވަރެއް ކޮމެޓީއަކުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި ބުނެފައި ވަނީ ދެން އެކަމަށް ކުރިމަތިލީ ފަރާތަކުގެ ސީވީ އެހާ ރަނގަޅު ނޫން ކަމަށެވެ.