07 Oct 2010, 09:58
މިދިޔަ ހަފުތާގައި ހޯރަފުށީގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ސީވިއު ހުސައިން މުހަންމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކަށް އެހީތެރިވުމަށް އެ ރަށަށް ދިޔަ ގާނޫނީ ވަކީލަކު އެ ރަށަށް އެރިޔަ ނުދީ ހުރަސްއަޅައިފި އެވެ.
ހޯރަފުށީ މީހަކު މިއަދު ސަންއެފްއެމް އަށް މައުލޫމާތު ދިން ގޮތުގައި ބުނީ ހުސޭނުބޭގެ މަރުގެ މައްސަލާގައި ޒިންމާވާ މީހުންނަކީ މިހާރު ފުލުހުން ހައްޔަރުކޮށްފައިވާ މީހުން ކަމަށާއި އެހެން ކަމާ އެކު އެ މީހުންނަށް އެހީތެރިވުމަށް ގާނޫނީ ވަކީލުންގެ ހައްގު ހޯދުމަކީ ގަބޫލުކުރެވޭ އަދި އެ ރަށުގެ މީހުން ދޭނެ ފުރުސަތެއް ނޫން ކަމަށެވެ.
ހުސޭނުބޭގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފަސް މީހުންގެ ތެރެއިން މީހަކަށް ގާނޫނީ އެހީވުމަށް އެ އަތޮޅަށް ވަޑައިގެން އުޅުއްވަނީ ގާނޫނީ ވަކީލު އަބްދުލްހަކީމު ރަޝާދެވެ.
ހޯރަފުށިން ވާހަކަ ދެއްކި ހުސޭނުބޭގެ ދަނބިދަރިއަކު ބުނީ ހަނިމާދޫ މަގުން ވަޑައިގަތް ވަކީލު ފުރަތަމަ މަސައްކަތް ކުރެއްވީ ހޯރަފުއްޓަށް ފައިބައިވަޑައިގަތުމަށް ކަމަށާއި ނަމަވެސް ހޯރަފުށީ ރައްޔިތުން އިންކާރު ކުރުމުން ދެން ވަޑައިގަތީ އެ އަތޮޅު އިހަވަންދު އަށް ކަމަށާއި ނަމަވެސް "ހުސޭނުބޭގެ އަނިޔާވެރި މަރާ" އެ ރަށު މީހުން ވެސް ދެކޮޅުހަދާތީ އެ ރަށަށް ވެސް ވަކީލު އަރައިވަޑައިގަތުމަށް އެ ރަށު ރައްޔިތުން އިއުތިރާޒު ކުރާ ކަމަށެވެ. އަދި އޭނާ ބުނީ އެ އަތޮޅު "އެތެރެވަރީގެ އެއްވެސް ރަށަކަށް ވަކީލަށް ނޭރޭނެ" ކަމަށެވެ.
އަބުދުލްހަކީމް ރަޝާދު ދެންމެ ވިދާޅުވީ އޭނާ ދަތުރުކުރައްވާ ދޯނީގައި އޭނާ ހުންނެވީ އިހަވަންދޫ ބޭރުގައި ކަމަށާއި އަދި އެ ދޯނީގެ ވަށައިލައި ހޯރަފުށީގެ 400 ވަރަކަށް މީހުން ބޮޑު ބޯޓެއްގައި އެބަތިބި ކަމަށާއި އިހަވަންދޫ ރައްޔިތުން ކަހަލަ ގޮތަކަށް ގޮޑުދަށަށް އެއްވެފައި އެބަތިބި ކަމަށެވެ.
ރަޝާދު ވިދާޅުވީ އޭނާ ހޯރަފުއްޓަށް ވަޑައިގަތީ އެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ކަމަށާއި ނަމަވެސް އެ ކަމަށް ހުރަސްތަކެއް ކުރިމަތި ވުމުން މިހާރު ހަނިމާދޫ މަގުން އެނބުރި މާލެ ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެނބުރި ހަނިމާދު އަށް ވަޑައިގަތުމަށް ލޯންޗެއް ކުއްޔަށް ހިފުމަށް ފުލުހުންގެ އެހީތެރިކަން ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާ ހުންނެވި ދޯނީގައި ހަނިމާދު އަށް ދަތުރުކުރެވޭނެ ތެޔޮ ނެތް ކަމަށެވެ.