ސ. ގަން ޕޮލިސް ސްޓޭޝަނުގައި ތަހުގީގަށް މީހުން ބަންދު ކުރާ ގޮޅިބަރިއަށް ތަކެތި ވައްދަން މަސައްކަތް ކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް އެދި ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ސ. ފޭދޫ، ގޯނބިލިގެ ޢަބްދުﷲ އަފްޝީން 24، އާއި ހަމަ އެ ރަށު ދުނބުރިމާގެ، ޙަސަން ވަހީދު 20، ގެ މައްޗަށެވެ.
އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.

ޢަބްދުﷲ އަފްޝީން އާއި ޙަސަން ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ޑިސެމްބަރު މަހު 10 ވަނަ ދުވަހު 11:15 ހައި އިރު ގަން ޕޮލިސް ސްޓޭޝަންގައި ތަހުގީގަށް މީހުން ބަންދު ކުރާ ގޮޅިބަރިއަށް ސިނގިރޭޓާއި ބިޑި ބޮނޑިއަކާއި ސުޕާރީ ފަދަ ތަކެތި ވެއްދުމަށް މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނިގެންނެވެ.

އެ މައްސަލައިގެ އިތުރުން ހދ. ހަނިމާދޫ ގެއަކުން ގިނަ އަދަދެއްގެ ދިވެހި ފައިސާ އާއި ބޭރު ފައިސާ ވަގަށް ނެގި ދެ މީހެއްގެ މައްސަލައިގައި ވެސް ދައުވާ ކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަނީ ހދ. ހަނިމާދޫ ވިލުދޮޅި، އަމްޖަދު ސާމީ 31، އާއި ހަމައެރަށު ޓުލެޓް، އަބްދުﷲ ޒުހާން 18، ގެ މައްޗަށެވެ.

އަމްޖަދު ސާމީ އާއި ޢަބްދުﷲ ޒުހާން ގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެ ހުކުރު ވަގުތުގައި ހަނިމާދޫ ޕިންކްލޭން ގެއިން ރުފިޔާ އާއި ގިނައަދަދެއްގެ ބޭރު ފައިސާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

ވަގަށްނެގި ފައިސާގެ ތެރެއިން 5،6915ރ. ފެނިފައިވަނީ ފަޅު ގެއްގެ ތެރޭގައި ވަޅުލާފައި ވަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.