ބ. އޭދަފުށްޓާއި ށ. ފުނަދޫގައި ވިލާ ކޮލެޖްގެ ކެމްޕަސް ހުޅުވާ އެ ތަންތަނުގައި ކިޔަވާދޭން މިއަދު ފަށައިފި އެވެ.

އޭދަފުށްޓާއި ފުނަދޫގައި ވެސް ކެމްޕަސް ހުޅުވީ މިއަދު ހެނދުނު 8:00 ގައެވެ. އޭދަފުށީ ކެމްޕަސް ހުޅުއްވައި ދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު އެވެ. ފުނަދޫ ކެމްޕަސް ހުޅުވައި ދެއްވީ އެ ކޮލެޖްގެ ސެންޓަރ ފޯރ އޯފްޝޯވ އޮޕަރޭޝަންސްގެ ޑިރެކްޓަރު ޑރ. އަހްމަދު އަލިދީދީ އެވެ.

ވިލާ ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު އަޒީމް ހާރޫން ސަންއަށް މިއަދު ވިދާޅުވީ އެ ދެ ކެމްޕަސްގައި ވެސް ފުރަތަ ކިޔަވައި ދޭނީ ޑިގްރީ ފައުންޑޭޝަންގެ ކޯސްތަކަކާއި ސެޓްފިކެޓް ތިނެއްގެ ކޯސްތަކެއް ކަމަށެވެ. އޭގެ ތެރެއިން އޭދަފުށީގައި ކިޔަވާދޭނީ ބެޗްލަރ ފައުންޑޭޝަން އިން އައިޓީ އާ ފައުންޑޭޝަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ކޯސްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އޭދަފުށީގައި މިއަދު ފެށި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ތްރީ އިން ބިޒްނަސް އާއި ސެޓްފިކެޓް ތްރީ އިން އައިޓީ ހިމެނޭ ކަމަށެވެ.

"މީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާއިރާގެ ތަފާތެއް އެބަހުރޭ. އަޅުގަނޑުމެން ކޯސްތައް ހަމަޖެއްސީ އެ ހިސާބު ތަކުން ޑިމާންޑް އާ ގޮތަށް ބަލާފައި. އޭގެ ތެރެއިން ބ އަތޮޅުން އަޅުގަނޑުމެންނަށް ބޮޑަށް ޑިމާންޑް އައީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދަން. ށަވިޔަނި އަތޮޅުން ބޮޑަށް ޑިމާންޑް އައީ އައިޓީއާ އެއްކޮށް ހިއުމަން ރިސޯސް މެނޭޖެމެންޓް ހަދަން،" އަޒީމް ވިދާޅުވިއެވެ.

ށ. ފުނަދޫގައި މިއަދު ފެށި ކޯސްތަކުގެ ތެރެއިން ޑިގްރީ ފައުންޑޭޝަން ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން އިން ހިއުމަން ރިސޯސް މެނޭޖްމެންޓާއި، ފައުންޑޭޝަން އިން އައިޓީ ހިމެނޭ ކަމަށް އަޒީމް ވިދާޅުވިއެވެ. އަދި މިއަދު ފެށި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ތްރީ އިން އައިޓީ އާއި ސެޓްފިކެޓް ތްރީ އިން ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ކޯސްތަށް ކަމަށްވެސް އަޒީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މޭ މަހުގެ ތެރޭގައި އޭދަފުށީގައި ބެޗްލަރ އޮފް ޑިގްރީ އެޑްމިނިސްޓްރޭޝަން އާ ބެޗްލަރ އޮފް އައިޓީގެ އިތުރުން ޑިޕްލޮމާ ކޯސްތަށް ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެ ކޯސްތަކަށް ވަރަށް ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

ފުނަދޫގައި ފަށާ ޑިގްރީ ކޯސްތަކާއި ބެހޭ ގޮތުން އަޒީމް ވިދާޅުވީ އެ ރަށުގައި ޑިގްރީ ކޯސްތަށް ފަށަން ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އަދި އަންނަ އަހަރު އެ ރަށުގައި މާސްޓަރސްގެ ކޯސްތައް ވެސް ފައްޓާނެ ކަމަށެވެ.

ވިލާ ކޮލެޖްގެ ފަރާތުން ދެން އެންމެ އަވަހަށް ކެމްޕަސްއެއް ހުޅުވަން ނިންމާފައި ވަނީ ޅ. އަތޮޅު ނައިފަރުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަޒީމް ވިދާޅުވީ ނައިފަރުގައި އަންނަ އަހަރުގެ މޭ މަހުގެ ތެރޭގައި ކެމްޕަސް ހުޅުވައި ކިޔަވާދޭން ފަށާނެ ކަމަށެވެ.