ސިޔާސީ ޕާޓީތަކަށް މި އަހަރު ދޭން ކަނޑައަޅާފައިވާ ފައިސާއިން އެމްޑީޕީއަށް ދޭން ޖެހޭ ފައިސާ ލިބިފައި ނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (މާލީ) ސޮއިކުރައްވައި މިއަދު އިލެކްޝަނަށް ފޮނުވި ސިޓީގައި ވަނީ، ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 22 ވަނަ މާއްދާގައި އެ ފައިސާ އަކީ ސިޔާސީ ޕާޓީތައް ހިންގުމަށް ދޭންޖެހޭ ފައިސާއެއް ކަމަށް ބުނެފައިވާ އިރު، ބަޖެޓުގައި ހިމަނައި ދޫކުރަން ޖެހޭ ފައިސާއެއް ކަމަށް ބަޔާން ކޮށްފައި އޮތުމުން، ބަޖެޓު ފާސްވުމާ އެކު އެ ފައިސާ ދިނުން އެއްވެސް ސަބަބަކާ ހުރެ ލަސް ނުކުރެވޭނޭ ކަމަށެވެ. އަދި އެޕާޓީން ދެކޭ ގޮތުގައި އެފައިސާ ދައުލަތުން ހޯދައި ދިނުމަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ދައުލަތުގެ ފައިސާއިން މި އަހަރު ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ މިދިޔަ ހަފްތާގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރު އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ މެންބަރުންގެ އަދަދު އެންމެ ގިނަ ޕާޓީ ކަމަށްވާ އެމްޑީޕީ އެވެ. އެމްޑީޕީ އަށް 3.6 މިލިއަން ރުފިޔާ ލިބެ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީއަކީ އެ ކޮމިޝަނުގެ ދަފުތަރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީކަމަށްވެފައި، އަދި ޕާޓީ ހިންގުމަށްޓަކައި އިދާރީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭތީ، ދައުލަތުން ލިބެންޖެހޭ ފައިސާ ނުލިބި ލަސް ވުމަކީ ދުޅަހެޔޮ ގޮތުގައި ޕާޓީ ހިންގުމަށް ހުރަސް އެޅި ސިޔާސީ ޕާޓީތައް ދަރަނިވެރިވާނެ ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ދައުލަތުގެ ބަޖެޓުން މިޕާޓީއަށް ލިބެންވާ ފައިސާ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ 22 ވަނަ މާއްދާގައި ވާގޮތުގެ މަތިން ހޯދައި ދިނުމަށް ވެސް އެ ސިޓީގައި އެދިފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް 16 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވާ އިރު އޭގެތެރެއިން ހަރަކާތްތައް ހިންގަނީ ވެސް އަދި ތިންހާސް މެމްބަރުން ހަމަވަނީ ވެސް އެންމެ އަށް ސިޔާސީ ޕާޓީގަ އެވެ.