04 Feb 2013, 15:31
ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި ކޮންމެ ސިޔާސީ ޕާޓީއަކަށް 10000 މީހުން ހަމަކުރަން ޖެހޭތީ އަދާލަތު ޕާޓީން މިހާރު މަސައްކަތް ކުރަމުންދަނީ ފެބުރުވވަރީ މަސް ނިމުމުގެ ގެ ކުރިން އެ އަދަދު ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ސިޔާސީ ޕާޓިތަކުގެ ބިލް ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ތަސްދީގު ނުކުރައްވައި އަނބުރައި މަޖިލީހަށް ފޮނުވާލާފައެވެ. ނަމަވެސް އަދާލަތު ޕާޓީ ބުނަމުން ދަނީ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު މަޖިލީހުގެ މެމްބަރުން އެބިލް ފާސްކޮށް ގާނޫނަކަށް ހަދާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އިސް ތަރުޖަމާން އަދި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަދާލަތު ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށައި އަދި ގިނަ އަދަދެއްގެ މެމްބަރުން ވީހާ ވެސް އަވަހަކަށް އެޕާޓީއާ ގުޅުމަށް ގޮވާލާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ އިރުން ފެށިގެން 10000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުން އެބަވިދާޅުވޭ އަޅުގަނޑުމެން ފަހުންނޭ ސޮއިކުރާނީ، އަޅުގަނޑު ދަންނަވާނީ އެބޭފުޅުން މިހާރު ސޮއިކުރައްވާށޭ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ މި ފެބުރުވަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި މިމެމްބަރުންގެ ކަންތަތައް ހަމަކޮށް ކަމާބެހޭ ފަރާތަށް ހުށަހަޅާން،" ޝަހީމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ ފެބުރުވަރީ ނިމުމުގެ ކުރިން އެޕާޓީއަށް 10000 މެމްބަރުން ހަމަވެގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް އިލެކްޝަން ކޮމިޝަނަށް 900 ފޯމް (އިލެކްޝަންގެ ވެބްސައިޓުގައި ވާ ގޮތުން 909 ފޯމް) ހުށަހަޅަފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އަދާލަތު ޕާޓީގައި ސައްހަ މެމްބަރުންގެ ގޮތުގައި މިހާރުތިބީ 5877 މެމްބަރުންނެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސްމަގާމްގައި ތިއްބެވި ބައެއް ފަރާތްތަކުން ޓީވީތަކަށް އަރައިގެން އަދާލަތު ޕާޓީއާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވަމުން ގެންދާ ކަމަށް ތުހުމަތުކުރައްވައި ޝަހީމް ވިދާޅުވީ ޔުނިވާސިޓީގެ ފަރާތުން އެބޭފުޅުންގެ "އަތްފައިގައި ކަސްތޮޅު އަޅުވަން" ޖެހޭ ކަމަށެވެ. އެއީ ކޮން ބޭފުޅުންނެއް ތޯ ސުވާލު ކުރުމުން އެ ސުވާލަށް ޝަހީމު ޖަވާބު ދެއްވައިފައެއް ނުވެއެވެ.
އެބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ލީގަލް ޓީމްގެ މެމްބަރު އަލުސްތާޒް އަލީ ޒާހިރު ވިދާޅުވީ ސިޔާސީ ޕާޓީތަކާ ގުޅޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވަނީ އެބިލް ފާސްވާ ތަނުން ފެށިގެން 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭ ގޮތަށް ކަމަށާއި އެބިލް ފާސްކޮށް 10000 މެމްބަރުން ހަމަކުރަން ތިން މަސް ދުވަސް ލިބޭނެކަމަށް ބައެއް މަޖިލިސް މެމްބަރުން ބުނަމުން ދިޔަ ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދާލަތުޕާޓީގެ އަމީން އާންމު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ވަރަށް އަވަހަށް އާޓިފިޝަލް ބީޗުގައި ހަރަކާތެއް ހިންގުމަށް ނިންމާފައިވާއިރު ވަރަށް އަވަހަށް އެޕާޓީގެ ޖަލްސާއެއް ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ދަށުގައިވާ އާޓިފިޝަލް ބީޗު އަދާލަތުޕާޓީގެ މަސްލަހަތުގައި ދޫކުރާކަމަށް ތުހުމަތުކުރޭ މައްސަލައިގައި މުއިއްޒު ވިދާޅުވީ އާޓިފިޝަން ބީޗު ދޫކުރަނީ އެތަނަށް އެދޭ ތަރުތބުން އިންސާފުން ކަމަށެވެ.