އައްޑޫ މީޑީއާ ސެންޓަރު އިމާރާތް ކުއްޔެއް ދޭން ނުޖެހޭ ގޮތަށް އައްޑޫގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏަކަށް އެއްބަސްވުމަކާ ނުލައި ދޫކުރި މައްސަލައެއްގައި ކުރީގެ އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު އިބްރާހީމް ހުސައިން މަނިކު (ސަމަރޭ)ގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.

އެންޓި ކޮޕަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށް އިއްޔެ ފޮނުވި އެ މައްސަލައިގައި ބުނެފައި ވަނީ ކޭބަލް ޓީވީގެ ހިދުމަތްދޭ މޯލްޑިވްސް އިލެކްޓޯރޯނިކް ސާވިސަސް ކޮންޕެނީ (މެސްކޯ) ކިޔާ ކުންފުންޏަކަށް އައްޑޫ މީޑިއާ ސެންޓަރު 2003 އަހަރުން 2009 އަހަރަށް ދީފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫން ކަމަށެވެ. އަދި އެ އިމާރާތުގެ ބިމާއި އެ ސެންޓަރުގެ އެންޓަނާ މެސްކޯގެ ބޭނުމަށް ދީފައި ވަނީ ކޮން އުސޫލަކުންކަން އެނގޭނެ އެއްވެސް ލިޔުމެއް، އަދި އެއްބަސްވުމެއް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ފެނިފައިނުވާ ކަމަށެވެ.

ވާދަވެރި ބީލަމަކާ ނުލައި ދޫކުރި އެ އިމާރާތުގެ ދެ ބައިކުޅަ އެއްބައި ވިޔަފާރީގެ އުސޫލުން 2003 އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް މެސްކޯ އިން ބޭނުންކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ހަވާލާދީ އޭސީސީން ބުނީ އެ އިމާރާތް ކުއްޔަން ދޫކޮށްފައި ވަނީ އެވްރެޖްކޮށް މަހަކު 5000ރ. އަށް ކަމަށާއި އެހެންކަމުން މެސްކޯއަށް އެ އިމާރާތް ދޫކުރި ހަ އަހަރުގެ މުއްދަތަށް، ޖުމްލަ 360،000ރ. ދައުލަތަށް ލިބެން ޖެހޭނެ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން މިހެން ބުނެފައިވާ އިރު، މެސްކޯ އިން ކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާގެ އަދަދެއް އޭސީސީއަކުން ހާމައެއް ނުކުރެ އެވެ.

އެ ކޮމިޝަނުން ބުނީ މެސްކޯ އިން އެ އިމާރާތް ބޭނުން ކުރި މުއްދަތުގައި ވެސް ދިވެހިރާއްޖޭގެ އަޑާއި އޭރުގެ އިންފޮމޭޝަން މިނިސްޓްރީން ކަރަންޓް ބިލްތަކަށް ފައިސާ ދައްކާފައިވާ ކަމަށާއި އެ ދުވަސްތަކުގެ ކަރަންޓް ބިލްތަކަށް 1،642،153ރ. ސަރުކާރުން ދައްކާފައިވާ އިރު، މެސްކޯ އިން ދެއްކީ ކަރަންޓް ބިލްތަކުގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

ނަމަވެސް ސަރުކާރުން ދެއްކި ބިލްތަކުގެ ތެރެއިން 821،076ރ. ދައުލަތަށް ލިބެން ޖެހޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މައްސަލައިގެ ތަހުގީގަށް ފަހު އޭސީސީގެ ނިންމުމުގައި ބުނެފައި ވަނީ މެސްކޯ އަށް އައްޑޫ މީޑިއާ ސެންޓަރު ދިނުމަށް މުއާމަލާތްކޮށްފައި ވަނީ ކުރީގެ މިނިސްޓަރު އިބްރާހިމް ހުސައިން މަނިކު (ސަމަރޭ) ކަން ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކޮށްފައިވާ ކަމެއް ކަމަށާއި ދައުލަތަށް ލިބެން އޮތް ފައިދާއެއް ނުލިބޭ ގޮތަށް އަމަލުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ސަމަރޭގެ މައްޗަށް ކުރުމަށާއި ދައުލަތަށް ފައިސާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރި ކަމުގެ ކުށުގެ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ކުއްޔަކާ ނުލައި ދޫކުރި އިމާރާތުގެ ޖުމްލަ ކުއްޔަށް ވާ 360،000ރ. އާއި އެ އިމާރާތުގެ ކަރަންޓް ބިލްތަކަށް ސަރުކާރުން ހަރަދު ކުރި 821،076ރ. އާއެކު ޖުމްލަ 1،181،076ރ. ހޯދުމަށް ވެސް ސަމަރުބްލޫ އިބްރާހިމް މަނިކުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވެ އެވެ.