ސްރީލަންކާ އިން ރާއްޖެ އައި ދިވެއްސަކު ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސްރީލަންކާ އިން ރާއްޖެ އައި އުމުރުން 40 އަހަރުގެ މީހާ ދިރުވާލައިގެން 63 ބުލެޓް އެތެރެކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުލެއިން މާލެ އައިސް ޕިކަޕަކަށް އެއްޗެހިތަކެއް އަރުވައިގެން ދަނިކޮށް ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރިން ކަމަށެވެ. ނަމަވެސް އޭނާ ހިފައިގެން ދިޔަ ތަކެތި ބަލައި ފާސްކުރި އިރު އެއްވެސް އެއްޗެއް ފެނިފައިނުވި ނަމަވެސް 40 އަހަރުގެ އެ މީހާގެ އަމަލުތައް ހުރި ގޮތުން އޭނާގެ ހަށިގަނޑުގައި އެއްޗެހިތަކެއް ފޮރުވާފައި ހުރި ކަމަށް ތުހުމަތު ކުރެވިގެން ޓެސްޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ތިން ފަހަރެއްގެ މަތިން އޭނާ ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 61 ބްލެޓް ފެނިފައިވާ އިރު މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ދެ ބްލެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ޑިސެންބަރު މަހުގެ 23 ވަނަ ވަނަ ދުވަހު ރޭ ގަތަރު އެއާވޭސް އިން ރާއްޖެ އައި 21 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުން ވެސް ވަނީ 14 ބުލެޓް ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ހައްޔަރުކޮށްފަ އެވެ.