ނ. މާފަރުގައި އެއާޕޯޓް ހިންގުމަށް ނޫނު ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސް ވުން އުވާލުމަށް ފަހު، އެއާޕޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން މިއަދު އިޢުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްްޓްރީން މާފަރުގެ އެއާޕޯޓް ހިންގާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައި މިވަނީ އެ ރަށުގައި އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވެގެން އެކަމާ މެދު ހިތްހަމަނުޖެހިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާކުރުމަށް ފަހު، ސަރުކާރަށް ތިން މަސް ދުވަހުގެ މުހުލަތެއް އެކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް ދީފައި ވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރެފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މާފަރު އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިކަން ހުރި ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު އެއާޕޯޓް ތަރައްގީކުރާ ފަރާތްތަކަށް ރިސޯޓެއްބ ތަރައްގީކޮށް ހިންގުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އަދި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 14 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ވެސް އެ އިޢުލާންގައި ބުނެފައިވެ އެވެ.

މާފަރުގައި އެއާޕޯޓެއް ތަަރައްގީ ކުރުމަށް 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ނޫނު ހޮޓެލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަަށުން ހަތް މިލިޔަން ޑޮލަރު ނަގާފައިވާ އިރު އެ އެއްބަސްވުން ބާތިލް ކުރިއިރު ވެސް އެ ފައިސާ އަނބުރާ ދީފައި ނުވާ ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.