04 Feb 2013, 14:09
މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. ކެންސަރުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަހަރެމެންގެ ހިޔާލަށް އަންނާނީ ދުންފަތުގެ އެކި އުފެއްދުންތަކުގައި ޖަހާފައި ހުންނަ އިންޒާރުގެ ނޯޓިސްތަކެވެ. ހަލާކުވެފައިވާ ފުއްޕާމެއާއި ކެންސަރު ޖެހިފައިވާ އަނގަ ފަދަ ގުނަވަންތަކުގެ ފޮޓޯތަކާ އެކު ބިރުވެރިކޮށް ލިޔެފައި ހުންނަ ނޯޓްތަކެވެ.
އިނގިރޭސިވިލާތާއި ޔޫރަޕުގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް އެފަދަ އިންޒާރުތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކެންސަރާ ބެހޭ ގޮތުން ދިރާސާތައް ކުރައްވާ ސައިންސްވެރިން މިހާރު ވިދާޅުވަމުން ގެންދަވަނީ ދުންފަތުގެ އުފެއްދުންތަކުގައި ޖަހާ ފަދަ އިންޒާރުގެ ލޭބަލްތައް މިހާރު އެއްގަމު މަހާއި ކިރުން އުފައްދާ ބާވަތްތަކުގައި ވެސް ޖަހަން ޖެހޭ ކަމަށެވެ. އެއީ ހަމަ ، ލޭހޮޅިތައް ބެދުމާއި ސްޓްރޯކާއި ހާޓް އެޓޭކާއި ކެންސަރުގެ ނުރައްކާ، ދުންފަތެކޭ އެއްވަރަށް އެ އުފެއްދުންތަކުން ވެސް އިތުރުވާތީ އެވެ.
ކެންސަރާ ބެހޭ ގޮތުން އިނގިރޭސިވިލާތުގައި އެއްކޮށްފައިވާ ދިރާސީ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގައި 2010 ވަނަ އަހަރު 425000 މީހުންނަށް ކެންސަރު ޖެހުނެވެ. އަދި އެއަހަރު 150000 މީހުން ކެންސަރުގެ ސަބަބުން މަރުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ބުނާ ގޮތުގައި ހުޅަނގުގެ ކުރިއަރާފައިވާ ގައުމުތަކުގައި ކެންސަރު ޖެހޭ މީހުންގެ 30 ޕަސެންޓް މީހުންނަށް އެބަލި ޖެހެނީ ކާބޯތަކެތީގެ ސަބަބުންނެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކެންސަރު ޖެހޭ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަށް އެބަލި ޖެހެނީ ވެސް ކާބޯތަކެތީގެ ސަބަބުންނެވެ.
ކެންސަރަށް މަގުފަހިކުރާ ކާބޯތަކެތީގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އެއްގަމުމަހާއި ކިރުން އުފައްދާ ބާވަތްތަކެވެ. އެގޮތުން ސޮސެޖާއި ބޭކަން އަދި ހޭމް ފަދަ ބާވަތްތަކަކީ ބޮވްލް ކެންސަރު (ފުރަގަސްފަރާތުގެ ކެންސަރު) ޖެހުމަށް މަގުފަހިވާ ބާވަތްތައް ކަމަށް ކެންސަރާ ބެހޭ ގޮތުން ދާދި ފަހުން އާންމު ކުރި ދިރާސާ ރިޕޯޓެއްގައި ވެއެވެ.
ވޯލްޑް ކެންސާ ރިސާޗް ފަންޑާއި އެމެރިކަން އިންސްޓްޓިއުޓް ފޯ ކެންސާ ރިސާޗް ގުޅިގެން ކުރި އެދިރާސާއިން އެނގިފައިވާ ގޮތުގައި ސަރުބީ އެކުލެވޭ އެއްގަމު މަސް ކެއުން ގިނަ ގައުމުތަކުގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ ނިސްބަތް އެނޫން ގައުމުތަކަށް ވުރެ މައްޗެވެ. އަދި މަދުވެގެން ހަފުތާއަކު ފަސް ފަހަރު ރެޑްމީޓް (ގެރިމަހާއި އޫރުމަސް ފަދަ ރަތްކަން ގަދަ އެއްގަމު މަހުގެ ބާވަތްތައް) ކާ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު އެނޫން މީހުންނަށް ވުރެ ބޮޑެވެ.
އެހެން ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އެއްގަމު މަހާއި ކިރުގެ އުފެއްދުންތަކުން ޕެންކްރިއާސް (ޗިސްމޭ) އާއި ކިޑްނީ (ގުރުދާ)ގެ ކެންސަރު ޖެހުމުގެ ފުރުސަތު ވެސް އިތުރުވެއެވެ.
ހުރިހާ ދިރާސާތަކުން ވެސް ހާމަވެފައިވާ ގޮތުގައި އެއްގަމުމަހާއި ކިރުގެ ބާވަތްތަކުގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހި ވަނީ އެއްގަމު މަހާއި ކިރު ޕްރޮސެސް ކުރުމުގެ ތެރޭގައި އުފެދޭ ކާސިނޮޖެނިކް ކަމްޕައުންޑްތަކުގެ ސަބަބުންނެވެ. އަދި އޭގެ އިތުރުން އަދި އެފަދަ އުފެއްދުންތަކުން ހަށިގަނޑުގައި ހޯމޯންތައް އިތުރުވާތީ ހޯމޯންއާ ގުޅުން ހުރި އުރަމަތީ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރު ޖެހުމަށް މަގު ފަހި ވެއެވެ.
އެއްގަމު މަހަކީ ގާތިލަކަށް ވަނީ މިފަދަ ސަބަބުތަކާ ހެދިއެވެ. އަދި މީގެ އިތުރުން އެއްގަމު މަހުގެ ސަބަބުން ކެންސަރު ޖެހުމަށް މަގު ފަހިވެގެން ދަނީ ދުންފަތުގެ އުފެއްދުންތަކުގައި ހުންނަ ފަދަ އިންޒާރުގެ ލޭބަލްތައް އެފަދަ އުފެއްދުންތަކުގައި ނުޖަހާތީ މީހުންގެ ހޭލުންތެރިކަން އެއުފެއްދުންތަކާ މެދު ކުޑަވުމުގެ ސަބަބުންނެވެ. ( ދަ އިންޑިޕެންޑެންޓް)